އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރެވެ.
މި މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ އެސްއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަށް ސަރުކާރުން 84.2 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ބުނެފައިވެއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ކުރީގެ ޕްލޭނަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. ކުރިން ހައުސިން ޔުނިޓްތައް އަޅަން ނިންމާފައި އޮތީ ރަށުގެ ދެ ސަރަހައްދެއްގައި ނަމަވެސް، މިހާރު ހުރިހާ ޔުނިޓްތަކެއް އަޅާނީ ރަށުގެ އެއް ސަރަޙައްދެއްގައެވެ.
ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. މީގެ އިތުރުން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމް، ބަދިގެ، ކާގެ އަދި ލޯންޑްރީއާއި ސްޓޯރޫމް ހިމެނޭނެއެވެ. ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލްތައް ޕާކު ކުރާނެ ސަރަޙައްދެއްވެސް ހަދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ރަސްދޫއަކީ އާބާދީގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. މި ރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 9 މަސް ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ 50 ހައުސިން ޔުނިޓެއްގެ މަސައްކަތް ނިންމަން ޖެހޭނެއެވެ.

