އެމްޑީޕީން އަބަދުވެސް ބަލަނީ ތިމާމެންގެ އަތުން އާރާއި ބާރު ގެއްލޭއިރަށް ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ނުބައި މެސެޖެއް ދީ، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ކަމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ަދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން މުޙައްމަދު ޢަލީ ވިދާޅުވީ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އަމާޒުކޮށް ނަތީޖާ ނެރެދޭން އިސްކަންދީގެން އެކުލެވިފައިވާ ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓުގެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށް ކަމަށާއި، މިއީ ރައްޔިތުން ގެދޮރުވެރިކުރުވާނެ ބަޖެޓެއް ކަމަށެވެ.
މިއީ ސިއްހަތާއި، ތައުލީމާއި، އިޖުތިމާއީ ރައްކާތެރިކަމަށް ވެސް ޚާއްސ ސަމާލުކަމެއް ދީފައިވާ ބަޖެޓެއް ކަމަށް ވެސް މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
މި ބަޖެޓުން ސީދާ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވޭ. މި މަޝްރޫއުތައް ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާނެކަމާ މެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން. ސޯ، މި ބަޖެޓުގެ އަމާޒަކީ މަޝްރޫއުތައް ފަށައި، ނިންމައި ރައްޔިތުންނާ ހަވާލުކުރުން.
ބަޖެޓު އެކުލަވާލައިފައިވާ ގޮތާމެދު ފާޑުވިދާޅުވެ އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން މުޙައްމަދު ޢަލީ ވިދާޅުވީ އެމްޑީޕީން އަބަދު ވެސް ބަލަނީ ތިމާމެންގެ އަތުން އާރާއި ބާރު ގެއްލޭއިރަށް ގައުމަށާއި ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ނުބައި މެސެޖެއް ދެވޭތޯ ކަމަށާއި، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ކަމަށެވެ.
އަދި މިއަދުގެ ސަރުކާރުން ރައްޔިތުންނަކީ އެއްބައިވަންތަ، އެކުވެރި މާހައުލެއްގައި ދިރިއުޅޭނެ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު، އެމްޑީޕީން އަބަދުވެސް މަސައްކަތް މި ކުރަނީ ގައުމުގައި އޮތް އިޖުތިމާއީ ފޭރާން ވީދާލުމަށް ކަމަށް މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

