ދިވެހިރާއްޖޭގެ މާލިއްޔާގައި ހުރި ހުރިހާ ފައިސާއަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ބަހައިލެވޭ އެއްޗެއް ގޮތުގައި އޮވެގެނެއް ނުވާނެ ކަމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
2025 އަށް ލަފާކޮށް އެކުލަވާލައިފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ފުދި އިތުރުވެގެން މި އުޅެނީ ނިމިދިޔަ ސަރުކާރު ހިންގަން ތިބި ވެރިންގެ ޖީބުތަކާއި އެ ބޭފުޅުންގެ އެކައުންޓުތައް ކަމަށެވެ. އަދި ރައްޔިތުން ފުނޑިގެން މި އުޅެނީ ރައްޔިތުންނަށް އެ ބޭފުޅުން ވި ވައުދުތައް ނުފުއްދައި، ދިވެހި ރައްޔިތުން ލައްވައި، ދިވެހި މެދު ފަންތީގެ ވިޔަފާރިވެރިން ލައްވައި އެ ބޭފުޅުންގެ އަތުގައި ހުރި ފައިސާއިން ކުރީ ސަރުކާރުގެ ޕްރޮޖެކްޓު ހިންގަން ކުރި ޚަރަދުތަކުގެ ސަބަބުން ކަމަށެވެ.
މި އުޅެނީކީ އެއްވެސް ހާލެއްގައި މި ސަރުކާރު ފުނޑިގެންނަކުން ނޫން މި އުޅެނީ. އެނގިތިބެ ދިވެހި ދައުލަތުގެ މާލިއްޔަތު ފުނޑައިލާ، ދިވެހި ދައުލަތައް ވަންނަން ހުރި ފައިސާއާއި އަދި ދިވެހި ދައުލަތުގެ ޚާޒާނާގައި ހުރި ފައިސާ ހުސްކޮށްފައި ވަރަށް ހަމަޖެހިލައިގެން ތިބެ މި ބުނަނީ ފުދިއްޖެއޭ. އެމްޑީޕީއަށް ފާޑުވިދާޅުވަމުން އިބްރާހިމް ދީދީ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާ ގައުމު ހަވާލުކުރެއްވީ އެމްޑީޕީ ސަރުކާރުގެ ބޮޑުން ކުރި ވައްކަންތައް ސާބިތުވުމުން ކަމަށެވެ.
އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ 2025 ގެ ބަޖެޓު ހެދިފައިވަނީ ފުދުންތެރި ޖީލެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށާއި، ސަލާންޖެހުމުގެ ސަގާފަތް ނައްތާލުމުގެ މަގުސަދުގައި ކަމަށެވެ. އަދި ބޯހިޔާވަހިކަން ދިވެހީންނަށް ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށާއި، އާސަންދަ ހޯދުމަށް މެންބަރުންގެ ފަހަތުން ދުވަންނުޖެހޭ ގޮތަށް ކަމަށެވެ.
މީގެއިތުރުން ސަބްސިޑީ ދޭންޖެހޭނީ ފަގީރު ނިކަމެތިންނަށްކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
ދިވެހިރާއްޖޭގެ މާލިއްޔާގައި ހުރި ހުރިހާ ފައިސާއަކީ ހަމަހަމަ އުސޫލުން ރާއްޖޭގައި ތިބި ވިޔަފާރިވެރިންނާއި ބޮޑެތި ވިޔަފާރިވެރިންނާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ބަހައިލެވޭ އެއްޗެއް ގޮތުގައި އޮވެގެނެއް ނުވާނެ. އަޅުގަނޑުމެންނަށް ލިބޭ އެއްޗަކާއި ކުރެވޭ ޚަރަދާ އަޅުގަނޑުމެން އެބަ ބަލަންޖެހޭ.
އިބްރާހިމް ދީދީ ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުން ކަމަށްވެފައި އަދި ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އެއްޗަކުން އިގުތިސާދު ބޮޑު ބައެއް މެނޭޖުކުރަމުންދާއިރުގައި ރާއްޖެއަށް ލިބޭ އާމްދަނީ
ހިތުހުރި ގޮތަކަށް ބޭނުންކުރަމުންދާނަމަ ދިވެހި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާނެ ކަމަށެވެ.

