ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ވިލިމާލެ އައުޓްރީޗް ސެންޓަރު ހުޅުވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ގާއިމު ކުރި މިސެންޓަރު ހުޅުވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ވިލިމާލެ މަސްޖިދުލް ބިއްރީގައި ދެ ކުލާސްރޫމާއެކު ގާއިމު ކޮށްފައިވާ މި ސެންޓަރު މި ސެންޓަރު ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް ކުރީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ވިލިމާލޭގައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗު ސެންޓަރެއް ހުޅުވިގެންދިޔަކަމީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއްކަން ފާހަގަކުރައްވައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ. ހަމައެހެންމެ ދީނީ ގައުމީ ކަންކަންކުރުމުގައި ވަކި ފިކުރެއް ބެއްލެވުމެއް ނެތި މަސައްކަތް ކުރެއްވުމަށާއި، މިއަދު ހުޅުވިގެންދިޔަ ސެންޓަރަކީ މިފަދަ މަސައްކަތެއްގެ ނަމޫނާއެއްކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވަނީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ލިބިލެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރަށާއި، ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

