އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް ގާއިމްކޮށް އާއްމުކޮށްފިއެވެ. މިއަދު އާއްމުކުރި މި އުސޫލަކީ މުޅިން އަލަށް އާއްމުކުރި އުސޫލެއްކަން ފާހަގަކޮށްލެވެއެވެ.
މި އުސޫލުގެ މަގުސަދަކީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރާ ބައެއްކަން ކަށަވަރުކުރުމާއި، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ދީނީ އެއްބައިވަންތަކަމާއި ގައުމީ ވަހުދަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމާއި، ވަޒީފާގެ ޒިންމާތަކަށް ރައްކާތެރިވުމަށް ބާރުއެޅުމަށާއި ހުރިހާ އިމާމުން ޢަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުމެވެ.
މީގެ އިތުރުން އިމާމުންނާއި މުދިމުންނަކީ ރިވެތި އަހުލާގީ ސިފަތައް ދަމަހައްޓާ ސުލޫކު ރަނގަޅު ނަމޫނާ ބަޔަކަށް ހެދުމާއި އިމާމުންނާއި މުދިމުންނަކީ މުޖުތަމަޢު ބަލައިގަންނަ އަބުރުވެރި އަދި އާއްމުން އިތުބާރުކުރާ ފަދަ ބަޔަކަށް ހެދުމަކީވެސް މި އުސޫލު ޤާއިމްކުރުމުގެ މަގުސަދުތަކުގައި ހިމެނޭ ކަންކަމެވެ.
މި އުސޫލުގައި އިމާމުންނާއި މުދިމުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރަންވީ ގޮތާއި، ހެދުން އެޅުމުގައި ބަހައްޓަންވީ އަދި ފަރުވާތެރިވާންވީ ކަންކަމާއި އަމިއްލަ ކަންކަމާއި އުޅުންތައް ބަހައްޓަންވީ ގޮތާއި މިސްކިތުގައި ކުރާ އަޅުކަމާއި ގުޅުންހުރި ކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ތަފްސީލް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމާއި ގުޅޭ ގޮތުންނާއި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، މި އުސޫލަށް ތަބާނުވާނަމަ ފިޔަވަޅު އަޅާނެ ގޮތްތައްވެސް މި އުސޫލުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އުސޫލާ ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ އިސްލާމީ ކަންކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ މަަސައްކަތުގެ ބައެއްކަމަށެވެ. އިމާމުންގެ ކަންކަން ހަރުދަނާ ކުރުމަށް ވުޒާރާއިން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިމާމުންނަށް އިތުރު ތަމްރީނުދީ ފެންވަރު މަތިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

