ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް29) ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޒަރުބައިޖާންގެ ބާކޫއިން ފުރާވަޑައިގެންފިއެވެ.
ކޮޕް 29 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު، އަޒަރުބައިޖާންގެ ބާކޫއަށް ފުރާވަޑައިގަތީ މި މަހުގެ 12 ގައެވެ. އެ މަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ރޭ ބުނީ ކޮޕް 29 ގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސް ޑރ.މުޢިއްޒު މިހާރު އަޒަރުބައިޖާނުން ފުރާވަޑައިގެންފައިވާ ކަމަށެވެ.
ކޮޕް 29 ސަމިޓުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްސަ ގައުމީ ބަޔާން އިއްވަވައި، މަތީ ފަންތީގެ އެކިއެކި އިވެންޓްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.
ކޮޕް 29 ގެ ބައިނަލްއަގުވާމީ ޕޯޑިއަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކަށް އަމާޒުވާ ގޮތަށް ވައުދުތައް ބަދަލުކުރެއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.
ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ގައުމަކަށް ވާއިރު، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ހޫނުމިން އުފުލޭ މިންވަރު ދަށްކުރުމަށާއި، މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

