މި ގައުމުގައި ހުރި އިގުތިސާދީ މައްސަލަތައް ހައްލުކުރަން ފުރަތަމަ ފަހަރަށް އިސްނެންގެވި ބޭފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި 2025 ގެ ދައުލަތުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ޙަމީދު ވިދާޅުވީ މާލީ ގޮތުން މިހާތަނަށް އެއްވެސް ސަރުކާރެއް އުފުލާފައި ނުވާފަދަ ބުރަ، ބޮޑު ޒިންމާތަކެއް ރައީސް ޑރ. މުޢިއްޒު ވަނީ ރައްޔިތުންގެ ހައްގުގައި އުފުއްލަވައިދެއްވާފައިވާ ކަމަށެވެ.
އެގޮތުން ގެއްލެމުން، ނެތެމުންދިޔަ ގައުމުވަންތަކަމުގެ ސިފަ އަނބުރާ މި ގައުމަށް ގެނެވިފައިވާ ކަމަށާއި، ގެއްލެމުންދިޔަ ވެރިކަން ދިފާއުކުރުމަށްޓަކައި ”ލޫޓުވައިލި” ދައުލަތުގެ މުޅި މާލީ ނިޒާމު އޭގެ ނާރެހަށް އަނބުރާ ގެނެވިފައިވާ ކަމަށާއި، ހައްދެއް، ހުދޫދެއްނެތި ޗާޕުކުރަމުން އިގުތިސާދަށް ”އޮއްސަމުންދިޔަ” ބޭރާކު ފައިސާތައް އޭގެ މިންގަނޑަށް މިއަދު ރުޖޫއަކުރެވިފައިވާ ކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ނުދައްކާ ދޫކޮށްލާފައިދިޔަ އެތައް ބިލިއަން ރުފިޔާއެއް މިއަދު މިވަނީ ދައްކާ ޚަލާސްކުރުމުގެ މަގުމަތީގައި ކަމަށާއި، ބެލުމެއްނެތި، ވިސްނުމެއްނެތި ނުއަގުގައި ނަގަމުންދިޔަ ލޯނުތައް މިވަނީ އޭގެ ހަމައަގުގައި ނެގުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރު ފެށުނުއިރު ވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދިޔައީ ކެނޑިނޭޅި މި އިގުތިސާދު އިސްލާހު ކުރުމަށް ގޮވަމުން އިންޒާރުދެމުން. އެހެންނަމަވެސް، އެ ދުވަހު ވެރިން ބޭނުންވީ ވެރިކަން ދިފާއުކުރަން. ގައުމަށް ވާ ގޮތެއް ބައްލަވާކަށް ބޭނުންފުޅެއްނުވި.
އެއާ ޚިލާފަށް ގައުމުގައި ހުރި އިގުތިސާދީ މައްސަލަތައް ޙައްލުކުރަން ފުރަތަމަ ފަހަރަށް އިސްނެންގެވި ބޭފުޅަކީ ރައީސް ޑރ. މުޢިއްޒު ކަމަށް ޙަމީދު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ކަމަށް ވިޔަސް، ބިދޭސީންގެ މައްސަލަ ކަމަށް ވިޔަސް، ބިދޭސީންގެ ފީތަކުގެ މައްސަލަ ކަމަށް ބެލިޔަސް މި ކަން އޮތީ މިހެން ކަމަށް މެންބަރު ވިދާޅުވިއެވެ.

