އިޙްސާންކަމުގެ ސިފައަކީ ކޮންމެ މުކައްލަފެއްގެ ހުރިހާ އަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”އިޙްސާންކަން” މި މައުޟޫއުގެ މައްޗަށް އައްޝައިޚް އަޙްމަދު ފަހްމީ ދީދީ ލިޔުއްވައި، އިސްލާމިކް މިނިސްޓްރީގެ ޚުޠުބާ ކޮމެޓީއިން ފާސްކުރި ޚުޠުބާގައި ބުނީ އިޙްސާންކަމަކީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި ހެޔޮކޮށް ހިތުން ކަމަށާއި،
އެއީ އިސްލާމްކަމާއި އީމާންކަމަށްފަހު މުއުމިނެއްގެ ހަޔާތުގައި ނުހަނު މަތިވެތި ދަރަޖައެއް ލިބިގެންވާ ކަމެއް ކަމަށެވެ.
އަދި އިޙްސާން ކަމުގެ އަނެއް މާނައަކީ ކަމޭހިތުމާއި، އޯގާވެރިވުމާއި، ހެޔޮކޮށް ހިތުން ކަމަށެވެ.
”އިޙްސާންކަމަކީ މުކައްލަފެއްގެ އެންމެހައި އަމަލުތަކުގައި ހުރުން ލާޒިމު ސިފައެކެވެ. އޭނާގެ އިސްލާމްކަމާއި އީމާންކަމާއި އަޅުކަމުގައި ވެސް މެއެވެ. އޭނާ އެހެން މީހުންނާ ކުރާ މުއާމަލާތްތަކުގައްޔާއި އަމިއްލަ ނަފުސަށް ކުރާ މުއާމަލާތްތަކުގައި ވެސް މެއެވެ. އޭނާގެ މާލީ މުއާމަލާތާއި އަބުރު ހިފެހެއްޓުމާއި އިލްމު އުނގެނުމާއި ހިފެހެއްޓުމާއި އިލްމު އުނގެނުމާއި އެންމެހައި އަމަލުތަކުގައި ވެސް މެއެވެ.”
ޚުޠުބާގައި ބުނީ އަޅުކަމުގައި އިޙްސާންތެރިކަމަކީ މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް އެކަލާނގެއާ އެހެން ފަރާތެއް ބައިވެރިނުކުރުން ކަމަށެވެ.
މީގެއިތުރުން ހުރިހާ ކަމެއް މިންވަރު ކުރައްވަނީ މާތް ﷲ ކަން ގަބޫލުކޮށް، މިންވަރަށް އީމާންވުމަކީ ވެސް އިޙްސާންކަމުގެ ތެރެއިންވާ ކަމެއް ކަމަށާއި، އިޙްސާންކަމަކީ ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް އަމަލު ކުރުން ކަމަށާއި، މާތް ﷲ އަށް އީމާންވުމާއެކު ކީރިތި ރަސޫލާއަށް ފުރިހަމައަށް ތަބާވުން ކަމަށެވެ.

