ސަޢޫދީ ޢަރަބިއްޔާއާއި އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު، ސަޢޫދީއަށް ކުރެއްވި ދަތުރުފުޅަކީ ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް ޢަރަބް- އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކޮޕް 29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، އަޒަރްބައިޖާންގެ ބާކޫއަށް ރައީސް ޑރ. މުޢިއްޒު ވަޑައިގެންނެވީ ސަޢޫދީއަށް ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.
މި ދެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ގައުމެއްގެ ލީޑަރުންނާއި، ތިމާވެށީގެ ތަޖުރިބާކާރުންނާއި އެކްޓިވިސްޓުންގެ ބައިވެރިވުން ފެނިގެންދިޔަ ކޮޕް 29 ގެ ބައިނަލްއަގުވާމީ ޕޯޑިއަމްގައި ރައީސް ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކަށް އަމާޒުވާ ގޮތަށް ވައުދުތައް ބަދަލުކުރެއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ކޮޕް 29 ގެ ހަވާސާގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ބައެއް ލީޑަރުންނާއެކު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ދޭދޭ މަސްލަހަތު ހިމެނޭ ދާއިރާތައް ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް ވަކާލާތު ކުރައްވާފައެވެ.

