އިންޑިއާގައި ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިދިޔަ ބުދަ ދުވަހު މަރުވެފައި އޮއްވާ ފެނުނީ ޙަސަން ސުހައިލް (43 އ) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ޙަސަން އިންޑިއާއަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާ ރާއްޖެއަށް އައުމަށް ހަމަޖެހިފައި އޮތީ މިއަދުގެ ވަގުތެއްގައެވެ.
ޙަސަން މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން ހޮޓަލުން ފުލުހުންނަށް ގުޅުމުން، ފުލުހުން ގޮސް ކޮޓަރިތެރެ ބެލުމުންނެވެ. ފުލުހުން ގޮސް ބެލިއިރު ޙަސަން އޮތީ ތަޅުން މައްޗަށް ވެއްޓިފައެވެ.
އިންޑިއާގެ ތަހުގީގީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ޙަސަން މަރުވީ ލޭގެ ޕްރެޝަރު ދަށްވުމާއި ޑީ ހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެންނެވެ.
ޙަސަންގެ މަރާމެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން އާއިލާއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އެހެންވެ އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ރަމާއިއާ ހޮސްޕިޓަލުގެ މޯޗަރީގައެވެ.

