ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ހެޔޮ ވެރިކަމެއް ކުރެއްވުމުގެ އަމާޒުގައި، 2025 ވަނަ އަހަރުގެ ބަޖެޓަށް ބެލުމުން އެކަން އެނގޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ހުސްނީ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި 2025 ގެ ބަޖެޓަށް ވާހަކަ ދައްކަވަމުންނެވެ.
މިއަދު ފެނިގެން މި ދަނީ ހެޔޮ ވެރިކަމެއް ކުރެއްވުމުގެ އަމާޒުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ހުންނެވި މަންޒަރު. ރައްޔިތުންގެ އިހުސާސްތައް ދެނެ، އެ ކަމަށް ހައްލެއް ހޯއްދުމަށް މަސައްކަތްކުރައްވާ ތަން. އެހެންކަމުން މިއީ ވެސް މި ބަޖެޓުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވޭ ކަމެއް.
އެގޮތުން ވައިގެ ބަނދަރުތަކާއި، މަގުތައް ހެދުމާއި، ފެނާއި ނަރުދަމާއާއި ބިން ހިއްކުމަށް ޚާއްސަކުރެވިފައި ބަޖެޓުގައި އަދަދުތައް ކަނޑައެޅިފައި އެބަހުރި ކަމަށް ހުސްނީ ވިދާޅުވިއެވެ.
މީގެއިތުރުން ސިއްހީ ދާއިރާއަށް އާ މަޝްރޫއުތަކަށް 221.7 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާ ކަމަށް ވެސް ހުސްނީ ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ ބަޖެޓަށް ބަލާއިރު، ފެނިގެންދަނީ ރައީސް ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުކުރެވިފައިވާ ތަން ކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ގައުމީ ތަރައްގީގައި ހުރި އުޖާލާ ކުރިމަގަކަށް މިސްރާބު ހިފާފައިވާ ތަން ކަމަށެވެ.

