ފަލަސްޠީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ވަކި ވަކިން ފޮނުއްވި މެސެޖުތަކުގައެވެ.
ރައީސްގެ މެސެޖުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ތައުރީފު ކުރައްވާފައިވެއެވެ.
މީގެއިތުރުން ރައީސްގެ މެސެޖުގައި ވަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ފަލަސްޠީނުގެ ރައީސާއި، ބޮޑުވަޒީރާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހައާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

