ބައިނަލްއަގުވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްޓީއޯ މެޑިކަލް ސާވިސަސްއާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، “އަކުއާ ފިޓްނެސް ފެސްޓް” ނަމުގައި އެކްޓިވް ބީޗް ހަރަކާތްތަކެކެއް މިއަދު ހުޅުމާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި ހުޅުމާލޭގައި މަސައްކަތް ކުރާ ކޯޕަރޭޓް އޮފިސްތަކުގެ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.
މި ފެސްޓްގެ މައިގަނޑު މަގުސަދަކީ އެކްޓިވް ލައިފްސްޓައިލް ޕްރޮމޯޓްކޮށް މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމެވެ.
އެކި ޓީމްތަކަކަށް ބަހާލައިގެން މި ފެސްޓްގައި ބޭއްވުނު އެކްޓިވް ހަރަކާތްތައް ރާވާ ހިންގާފައިވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.
މި ފެސްޓްގައި އެސްޓީއޯއިން ވަނީ ވަރަށް ޔޫސަރ ފްރެންޑްލީ އަދި ކޮލިޓީ ރަނގަޅު ހަކުރު މޮނިޓަރ ކުރާ ޑިވައިސްއެއް ތައާރަފުކޮށްފައެވެ. މި ޑިވައިސް އަކީ ގޭގައި ވެސް ބޭނުންކުރަން ފަސޭހަ، ސްމާޓް ޑިވައިސްއެކެވެ.
މި ޑިވައިސް ސްމާޓް ފޯނާއި ކަނެކްޓް ކޮށްލުމަށްފަހު ހަކުރު މޮނިޓަރ ކުރުމުން އޮޓޯ އިން ހަކުރު ހުރިވަރު ފޯނުގައި ރައްކާކުރެވޭނެއެވެ. މިގޮތަށް ސްޓޯ ކުރެވޭ މައުލޫމަތުތަކަކީ އަމިއްލައަށް އަދި ޑަކްޓަރީ ފަރުވާ ހޯއްދަވާއިރު ހަކުރު މެނޭޖްކޮށް މޮނިޓަރ ކުރުމަށް ވަރަށް މުހިއްމު މައުލޫމާތުތަކެކެވެ.
އެސްޓީއޯ އިން އަލަށް ތައާރަފުކުރި މި ބްލަޑް ގްލޫކޯޒް މޮނިޓަރިން ޑިވައިސް އަކީ ކޮރެޔާގެ ބްރޭންޑެއް ކަމުގައިވާ އެސްޑީ ބަޔޯސެންސަރ ބްރޭންޑްގެ ޑިވައިސްއެކެވެ.
މީގެއިތުރުން މި ޕްރޮގްރާމްގެ ދަށުން އިއްޔެ ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަން ގެ މުވައްޒަފުނަށްވެސް ހެލްތް ސްކްރީނިންގ ސެޝަންއެއް ކުރިޔަށް ގެންގޮސްފައެވެ.
މި ސެޝަަންގައި ދިން ޚިދުމަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ، ބީއެމްއައި، އަދި ހަކުރު ޗެކްކުރުމަށް ފަހު ހެލްތް ގައިޑެންސް ދިނުން ހިމެނެއެވެ. އަދި ހަކުރު މެނޭޖް ކުރުމަށް ގެނެވިދާނެ ލައިފްސްޓައިލް ޗޭންޖެސް، ޑައިޓް ޕެލޭންސް، އެކްސަސައިޒް އަދި އިތުރު ބޭނުންތެރި މައުލޫމާތު ވަނީ ހިއްސާ ކޮޮށްފައެވެ.
މި ހެލްތް ސްކްރީނިން ސެޝަން އާންމުނަށް ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އާއްމުނަށް މި ސެޝަން ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 13:30 އިން 15:30 އަށް ހުޅުމާލެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީ ކުރިމަތީގައެވެ.
މީގެއިތުރުން ޑައިބެޓިކް ޕޭޝެންޓުންނަށް ޚާއްސަސަ ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ޑައިބެޓިކް ޕޭޝަންޓުންނަށް ބޭނުންވާ މުހިއްމު ސިއްހީ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

