ރާއްޖެއިން މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވެފައިވާ މަރިޔަމް ޝައިނާ ނަސީމް، އެތަކެއް ނުރުހުން އަމާޒުވުމާއެކުވެސް ގައުމީ ކުލައިން ކުލަޖެހިގެން ބައިނަލްއަގުވާމީ ރޭމްޕުގައި މުޅި ދުނިޔެއަށް ދައްކާލީ ދިވެހި ކަސަބުހިރު އެޅި ލިބާހުގެ ރަތްކުލައާއި އޭގެ ހިތްގައިމު ރީތިކަމެވެ. މިސްޔުނިވާސްގއި ބައިވެރިވި ރާއްޖޭގެ ފުރަތަމަ އަންހެންމީހާ ކަމަށް ވުމާއެކުވެސް މުޅި ރާއްޖެއިން ލިބުނު ސަޕޯޓަށްވުރެ ނުރުހުމާއި ޖެއްސުމާއި މަލާމާތުގެ ތައުރީފުތައް ހިފައިގެން ގޮސް ހުރި ޝައިނާގެ ހިތުގައި އަދިވެސް އޮތީ ހަމަ ގައުމުގެ ލޯބިކަން ދައްކުވައިފިކަން ޔަގީނެވެ.
މެކްސިކޯގައި ކުރިއަށްދާ މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ އުމުރުން 21 އަހަރުގެ މޮޑެލް މަރިޔަމް ޝައިނާ ނަސީމް، “ޕްރިމިއަމް ރައުންޑް” ގައި ފެނިގެން މިދިޔައީ ޔަގީނުންވެސް ފުރިހަމަ ސިފައެއްގައެވެ. މި މަހުގެ 14 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ކޮންމެ ޤައުމެއްގެ ވެސް ސަގާފީ ހެދުން ދައްކާލާ ރައުންޑްގައި ޝައިނާ ފެނިގެން ދިޔައީ ކަސަބު ބިރު އެޅި ރަތް ލިބާހަކާއި ކަނޑިކިއެއް ލައިގެންނެވެ. އޭނާގެ އަތުގައި ރަން ކުލައިގެ އުޅައަކާއި ކަރުގައި ފަށްޓަރު ބައެއް ފެނުނެވެ. އަދި އިސްތަށިގަނޑު ހުރީ އެއް ފަރާތަކަށް ވާގޮތަށް ހުޅިއަކަށް އައްސާފައެވެ.
މިސް ޔުނިވާސް މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ އަންހެނަކީ ޝައިނާއެވެ. މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި “ހީ އެންޑް ޝީ މޯލްޑިވްސް”ގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގަ އެވެ. ހީ އެންޑް ޝީއަކީ އިންޓަނޭޝަނަލް ބިއުޓީ ޕެޖެންޓް ފްރެންޗައިޒް “ޓޮޕް މޮޑެލް” ވެސް ރާއްޖެއަށް ތައާރަފުކުރި ކުންފުންޏެވެ.
މިމުބާރާތުގައި ޝައިނާ ބައިވެރިވުމާ ގުޅިގެން ރާއްޖޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއި މިހާތަނަށް އަދިވެސް ލިބެމުންދާ ނަފުރަތާއި ފޫއްސާ އެކުވެސް، ޝައިނާ ވަނީ ދިވެހި ސަގާފަތާއި ލިބާހުގެ ރީތިކަން ދުނިޔެއަށް ދައްކާލުމަށް ކެރިހުރެ ކުރިއަށް ގޮސްފައެވެ. މުބާރާތުގެ ދެން އޮންނާނީ 25 ފައިނަލިސްޓުން ހޮވުމެވެ. މީގެ އިތުރުން އެމެރިކާ، ކެރިބިއަން، ޔޫރަޕް، އެފްރިކާ، އޭޝިއާ އަދި އޯޝަނިއާއިން ހަތަރު ރީޖަނަލް ކެންޑިޑޭޓުން ވެސް ހޮވޭނެއެވެ. ސެމީ ފައިނަލްގައި ކެންޑިޑޭޓުން ހޮވާނީ ލިބޭ ވޯޓުންނެވެ. އަދި ގްރޭންޑް ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.
2022 ވަނަ އަހަރު ބޭއްވުނު ޓޮޕް މޮޑެލް މޯލްޑިވްސް މުބާރާތް ކާމިޔާބުކުރި ޝައިނާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވުނު ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތުގައި ވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ. އެއީ އެ މުބާރާތުގެ ގަދަ 15 ގައި ރާއްޖެ ހިމެނުނު ވެސް ފުރަތަމަ ފަހަރެވެ. އަދި އެ މުބާރާތުގައި “ނިއު ފޭސް”ގެ އެވޯޑު ވެސް ޝައިނާ ހޯދި އެވެ.
ޝައިނާ ބައިނަލްއަގުވާމީ މިމުބާރާތުގައި ބައިވެރިވުމުން ދިވެހިންގެ ނުރުހުންތެރިކަން ލިބުނު ވަރަށް މާދަމާ އޭނާއަށް ކާމީޔާބީއެއް ލިބިއްޖެނަމަވެސް ދެންވެސް ގައުމުގެ އަންހެނަކު އެފަދަ ހިސާބަކަށް ދިއުމުން ހިތްވަރާއި ތައުރީފުގެ ބަދަލުގައި މަރުހަބާ ކިޔާނީ ހަމަ އެ ނުރުހުންތެރިކަމާއެކުގައިބާވައެވެ. އެހެންވެސް ވެދާނެއެވެ. ތަރުހީބު ދިނުމުގައި ތަފާތު ގޮތްތައް ގެންގުޅޭ މީހުން ދުނިޔޭގައި އުޅެއެވެ. ފާޑުކިޔުމަކީވެސް ފާޑެއްގެ ތަރުހީބެކޭ ބުނަނީ ކޮންމެވެސް ކަމެއް ވީމަތާއެވެ.

