ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 8027 ގޭބީސީ އަކަށް ޒިޔާރަތްކޮށް ހާލުބަލައިފި ކަމަށް މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އިން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް ފެމެލީ ޑިވެލޮޕްމެންޓުން ކުރިއަށްގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8027 ގޭބީސީއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން 3324 ގޭބީސީއަކަށާއި އަތޮޅުތެރެއިން 4703 ގޭބީސީއަކަށް ޒިޔާރަތްކޮށްފައިވެއެވެ.
މިދިޔަ މޭ މަހު ފެށި މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން އާއިލާތަކުގެ ދަތިތަކާއި ހާލު ދެނެގަނެ، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދައިން ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ހޯދިފައިވާ ކާމިޔާބީތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އެންޑޯމެޓްރިއޯސިސް، ޕީސީއޯއެސް އަދި އިންފާޓިލިޓީ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމާއި، އައިވީއެފްގެ ފަރުވާގެ ޝަރުތުހަމަވާ 100 ފަރާތަކަށް އެހީދިނުމަށް ނިންމާފައިވާކަން ހިމެނެއެވެ.
މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ކޭސް ވޯކް ކުރުމަށް ގެނެވުނު ބަދަލުގެ ކުރިން ކޭސް ވޯކަރެއްގެ ޖުމްލަ ކޭސްތަކުގެ އަދަދަކީ 278 އެވެ. ނަމަވެސް އެ ނިޒާމަށް ގެނެވުނު ބަދަލާއެކު 6 މަސް ދުވަހުގެ ތެރޭގައި ކޭސް ވޯކަރެއްގެ ކޭސްތަކުގެ އަދަދު 80، 50 އަދި 23 ކޭހަށް ބަދަލުކުރެވިފައިވެއެވެ.
މީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަހަރުތަކެއް ކުރިން ފަށާފައިވާ އިބަމަ ޕްރޮގްރާމް، މިދިޔަ 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ހަރުދަނާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން 5 އަތޮޅެއްގައި އިބަމަ ގާއިމުކޮށް، 37 ރަށެއްގައި ޖުމްލަ 194 ފަރާތެއް ތަމްރީނު ކޮށްފައިވެއެވެ. އެގޮތުން:
- ށ. އަތޮޅުން 48 ފަރާތެއް
- ޅ. އަތޮޅުން 22 ފަރާތެއް
- ބ. އަތޮޅުން 43 ފަރާތެއް
- މ. އަތޮޅުން 36 ފަރާތެއް
- ދ. އަތޮޅުން 45 ފަރާތެއް ތަމްރީނު ކޮށްފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ދެނެގަނެ، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް ފަރުދަކު ބާކީނުވާނެ ގޮތަށް އެ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.

