މާލޭގައި ކޭބަލް ނަރުތަކެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މާލޭގައި ކޭބަލް ނަރުތަކެއް ވަގަށް ނެގި މައްސަލާގައި ގދ. އަތޮޅަށް ނިސްބަތްވާ 36 އަހަރުގެ ފިރިހެނެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މި ފަރާތް، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކުށް ކުރިކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓު ހިމެނެއެވެ. އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، މި ފަރާތް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ކޭބަލް ނަރުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލު ކައިރިންކަމަށް މައްސަލައިގެ ބަޔާންދިން ފަރާތަކުން މައުލޫމާތު ދީފައިވާ ކަމަށް އިންވެސްޓިގޭޓިންގ އޮފިސަރު ބުނެފައިވެއެވެ. ނަމަވެސް، ހައްޔަރުކުރެވުނު ފަރާތުން ބުނެފައިވަނީ އެ ނަރުތަކަކީ ވަގަށް ނަގާފައިވާ އެއްޗެއް ނޫން ކަމަށާއި، ގޮނޑުދޮށުން ހޮވާފައިވާ އެއްޗެއް ކަމަށެވެ.
ކޭބަލް ނަރު ވަގަށް ނެގުމުގެ މައްސަލަތަކަކީ ފަހަކަށް އައިސް އާންމުވަމުން އަންނަ ސީރިއަސް މައްސަލައެކެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ޓްރާންސްފޯމަރުތަކަށް ގެއްލުން ލިބި، ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ހާދިސާތައް ކުރިން ވެސް ހިނގާފައިވެއެވެ. އަދި މިދިޔަ މާރިޗު މަހު ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

