ހުޅުމާލޭގައި ހުންނަ ރާކަނި ބީޗުގައި ހިނގި މާރާމާރީއެއްގެ މައްސަލައިގައި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ، ރޭގެ ވަގުތެއްގައި ރާކަނި ބީޗުގައި ތިބި ދެ މީހެއްގެ ދެމެދުގައި ދެބަސްވުމެއްގެ ތެރެއިން މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ. ނަމަވެސް، ހައްޔަރުކުރެވުނު ފަރާތުގެ އިތުރު މަޢުލޫމާތެއް ފުލުހުން ވަނީ ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިވޭތޯ ނުވަތަ ނޫންތޯވެސް ފުލުހުން ވަނީ ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ރާކަނި ބީޗުގައި މީހަކު ކާން އިންދާ ބޭރުން އައި މީހަކު އެތަނުގައި ހުރި ގޮނޑިއަކުން އޭނާ އަށް ހަމަލާދޭ މަންޒަރެވެ. އަދި އެދެމީހުންގެ މެދުގައި މާރާމާރީ ހިނގާމަންޒަރުވެސް ފެނެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

