ސަރުކާރުގެ ވަގުފު މަޝްރޫއެގެ ދަށުން އަތޮޅުތެރޭގައި ގާއިމުކުރެވޭ ފުރަތަމަ ވަގުފު ޢިމާރާތް ހދ. ނެއްލައިދޫގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކުރެވޭނެ 10 އައުޓްލެޓް ޢިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ.
އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ނެއްލައިދޫގައި ވަގުފު ޢިމާރާތް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުހައްމަދު އަލީފެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ވަޤުފްގެ މަޝްރޫޢުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށެވެ. އަދި ނެއްލައިދޫ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަގުފު މަޝްރޫއެއް ކުރިއަށްގެންގޮސް އޭގެ ނަފާ ދީނީ ކަންކަން ކުރިއެރުވުމަށް ލިބޭނެ ކަމަށް ވަޒީރު ވިދާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރަށްރަށުގައި ވަޤުފް އިމާރާތްތައް އިތުރުކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށެވެ. ނެއްލައިދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމެވީ އެވުޒާރާއަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ފެނުނު އެންމެ ރަނގަޅު އެއް ޕްރޮޕޯސަލަކީ ނެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލަށްވުމުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޤުފް މަޝްރޫޢުގެ ދަށުން، ހދ. ނެއްލައިދޫގައި ލަނޑާ، ފަރުމަސް އަދި ކަނޑުމަސްވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް އާއްމުންނަށް ކުއްޔަށް ދިނުމަށް 10 އައުޓްލެޓް އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. މި 10 އައުޓްލެޓް ތަރައްގީ ކޮށްގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމަށާއި، ދީނީ އަދި އިޖުތިމާއީ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ މިސްކިތްތަކަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އަޢުގާފު ޕްރޮޕަޓީސްތައް ރާއްޖޭގައި ގާއިމު ކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އައުގާފުގެ ނިޒާމަކީ އިސްލާމީ އިގުތިސާދީ ނިޒާމުގެ މުހިންމު އަސާސެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ވަގުފުގެ އިމާރާތް ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލާއި، 10 އަތޮޅު އަދި ސިޓީ ކައުންސިލުން ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ. މީގެ ތެރެއިން ހދ. ނެއްލައިދޫގެ ޕްރޮޕޯސަލް ހޮވިފައިވަނީ އެންމެ ރަނގަޅު ޕްރޮޕޯސަލްގެ ގޮތުގައެވެ.

