ސައިންސްވެރިން ވަނީ އެންމެ ނުރައްކާތެރި ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމުގެ އުންމީދު އާކޮށްދީފައެވެ. އެގޮތުން އެމީހުން މި ފަރުވާ އަމާޒުކުރަނީ ކުދިކުދި ނުބައި ޑީއެންއޭގެ ބައިތަކަށެވެ. މި ޑީއެންއޭގެ ބައިތައް ކެންސަރަށް ކީމޯތެރަޕީގެ އަސަރުކުރުމުން ދުރުކޮށްދެއެވެ.
މި ކުރިއެރުން ފެނިގެން އައީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ދިރާސާއަކުންނެވެ. މި ދިރާސާއިން ދައްކާގޮތުގައި ގިނަ ފަރުވާކުރަން އުނދަގޫ ކެންސަރުގައި ހުންނަނީ ޖެނެޓިކް މެޓީރިއަލްގެ މައްސަލައެވެ. މީގެ ސަބަބުން ކެންސަރުގެ ފަރުވާއަށް މަގުތައް ހަނި ވެއެވެ.
އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 15000 ކެންސަރު ބަލިމީހުންގެ ތެރެއިން 39 ތަފާތު ވައްތަރެއް ކެންސަރުން ހެދި ޓެސްޓުތަކުން އެނގޭ ގޮތުގައި ކޮންމެ 6 ބަލިމީހުންގެ ތެރެއިން އެކެއްގައި އެކްސްޓްރާކްރޮމޮސޯމަލް ޑީއެންއޭ ނުވަތަ އީސީޑީއެންއޭ ހުރެއެވެ. މިއީ ކެންސަރަށް ފަރުވާކުރަން އުނދަގޫވާ ފަދަ ޖެނެޓިކް ކޯޑުގެ ބައެކެވެ.
މި ދިރާސާ އަލިއަޅުވާލީ އީސީޑީއެންއޭ އިން ކެންސަރުގެ ބާރުގަދަވެ ފަރުވާގެ އަސަރު ކުޑަވާ ގޮތުގެ މައްޗަށެވެ. އަދި މީގެ ސަބަބުން ދިރާސާކުރާ ފަރާތްތަކަށް އާ ބޭހެއް ފާހަގަކުރެވުނެވެ. މި ބޭސް މިހާރުވެސް ވަނީ ވަގުތީ ކްލިނިކަލް ޓްރަޔަލްތަކުގައެވެ. މި ބޭހުގެ ސަބަބުން ކެންސަރުގެ އަސަރުކުރާ ސެލްތައް ވަކިން ނައްތާލުމާއި އަވަހަށް ފަރުވާ ލިބޭނެ ގޮތެއް ވަނީ ހޯދާފައެވެ.
"މިއީ ވަރަށް މުހިންމު ހޯދުމެއް. މީގެ ސަބަބުން ދުނިޔޭގެ އެތައް ބަޔަކަށް މިކަމުގެ ހެޔޮ އަސަރު ކުރާނެ"
ސްޓޭންފޯޑް ޔުނިވަރސިޓީގެ ޕެތޮލޮޖީ ޕްރޮފެސަރ ޕޯލް މިޝެލް ބުނެފައިވެއެވެ.
"މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ މިހާރުގެ ފަރުވާތަކުން ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކެންސަރު ނުރައްކާ ބޮޑު ބަލިމީހުންނަށެވެ."
އިންސާނުންގެ ގިނަ ޖީންތައް ހުންނަނީ ސެލްގެ ނިއުކްލިއަސްގެ ތެރޭގައި ހުންނަ 23 ކްރޮމޮސޯމް ޖޯޑުތަކުގައެވެ. ނަމަވެސް ބައެއްފަހަރު މި ކްރޮމޮސޯމްތަކުން ކުދި ބައިތައް ވަކިވެ، ކްރޮމޮސޯމްތަކާ ވަކިން ހުންނަ އީސީޑީއެންއޭގެ ބައިތައް އުފެދެއެވެ. ފަހަކަށް އައިސް، އީސީޑީއެންއޭ އަކީ ކެންސަރު ހަށިގަނޑަށް ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ދެނެގަނެވުނެވެ.
ނޭޗަރ ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާއެއްގައި ދިރާސާކުރާ ފަރާތްތަކުން އީސީޑީއެންއޭގެ އަސްލާއި އޭގެއިން ލިބޭ ގެއްލުންތަކުގެ މައްޗަށް ފުންކޮށް ބަލާލާފައިވެއެވެ. އެމީހުން ހޯދިގޮތުގައި ދިރާސާކުރެވުނު ކެންސަރުގެ 17.1 އިންސައްތައިގައި އީސީޑީއެންއޭ ހުރެއެވެ. މި ނުބައި ޖެނެޓިކް ބައި އެންމެ ގިނައިން ފެންނަނީ އުރަމަތި، ސިކުނޑި އަދި ފުއްޕާމޭއަށް ޖެހޭ ކެންސަރުގެ ވައްތަރުތަކުންނެވެ.
އީސީޑީއެންއޭގެ ބައިތަކުގައި ކެންސަރު އުފައްދާ ޖީންތަކާއި ދިފާއީ ނިޒާމުގެ ބާރު ދަށްކޮށްލާ ޖީންތައް ހިމެނެއެވެ. ފުރަތަމަ ބާވަތުގެ ޖީންތަކުން ކެންސަރު ފެތުރުމަށް މަގިފަހިކޮށްދޭއިރު ދެވަނަ ބާވަތުގެ ޖީންތަކުގެ ސަބަބުން ހަށިގަނޑުގެ ޤުދުރަތީ ދިފާޢީ ނިޒާމުން ކެންސަރު ސެލްތައް ނައްތާލުމަށް ބާރަު އެޅުމަށް މިހާރު ދެވޭ އިމިއުނޮތެރަޕީ ފަރުަވާގެ އަސަރު ކުޑަވެއެވެ.
ކެންސަރ ރިސަރޗް ޔޫކޭ އާއި އެމެރިކާގެ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓުން އުފައްދާފައިވާ ކެންސަރ ގްރޭންޑް ޗެލެންޖަސް އިނީޝިއޭޓިވްގެ ދަށުން ފަންޑުކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި ސީއެޗްކޭ1 އިންހިބިޓަރސް ކިޔާ ބޭސްތަކުން އީސީޑީއެންއޭ ހިމެނޭ ކެންސަރު ސެލްތައް ވަކިން ނައްތާލުމުގެ ފުރުސަތު އެބައޮތެވެ. މިޝެލް އުފައްދާފައިވާ ބައުންޑްލެސް ބައޯ ކިޔާ ސްޓާޓްއަޕް ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ސީއެޗްކޭ1 އިންހިބިޓަރއެއް މީދާތަކެއްގައި ޓެސްޓުކޮށްފައިވާއިރު މި ބޭސް އާންމުކޮށް ކެންސަރަށް ދޭ ބޭހަށްވުރެ ބޮޑަށް ކެންސަރަށް ފަރުވާކުރުމަށް އެހީތެރިވެދެއެވެ."މިއިން ހަމައެކަނި ދެނެގަނެވުނީ ކެންސަރުގެ ނުރައްކާތެރިކަމެއް ނޫން. މިއީ އާ ފަރުވާތައް ހޯދުމުގެ މަގު ހުޅުވިގެންދިޔަ ކަމެއް. " މިޝެލް ބުނެފައިވެއެވެ.

"އެންމެ ނުރައްކާތެރި ގިނަ ކެންސަރުތައް ދިރިހުރުމަށްޓަކައި އީސީޑީއެންއޭއަށް ބަރޯސާވެއެވެ. އަދި މި ކެންސަރުގެ ބާރުގަދަވެ، އީސީޑީއެންއޭގެ ސަބަބުން ފަރުވާކުރުމަށް އުދަނގޫވެ، ބަލިމީހުންނަށް ލިބެންހުރި ފަރުވާތައް މަދުވެގެންދެއެވެ. އީސީޑީއެންއޭއަށް އަމާޒުކޮށްގެން، އަޅުގަނޑުމެންނަށް ކެންސަރު ޖެހިފައިވާ ޓިއުމަރުތަކުގެ ބައިތައް ނައްތާލެވިދާނެއެވެ. އަދި މީގެ ސަބަބުން މި ނުރައްކާތެރި ބައްޔަށް އެދެވޭ ފަރުވާއެއް ހޯދިގެން ދާނެއެވެ."
ކެންސަރ ރިސަރޗް ޔޫކޭގެ ކެންސަރ ގްރޭންޑް ޗެލެންޖަސްގެ ޑިރެކްޓަރ ޑޭވިޑް ސްކޮޓް ބުނެފައިވެއެވެ.

