ކުރިއަށް އޮތް 4 އަހަރު ވެގެންދާނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް އާ ބާބެއް ގެނެސްދޭ 4 އަހަރަށް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިހެންވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ ހުކުރުދުވަހުގެ ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މި ސެކްޓަރ ތަރައްޤީކުރާއިރު މިހާރު ނުކުރެވި ހުރި ކަންކަމާއި އަދި މިދާއިރާގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަމަށް ވިސްނައިގެން އެކަންކަން ރަނގަޅުކޮށް ޚިދުމަތް ރަނގަޅު ކުރުމަކީއެންމެ އިސްކަންދޭކަންތައް ކަމަށެވެ.
” އަޅުގަނޑުމެންގެ ސިޔާސަތުތައް ރާވާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރަށްވުރެ ވެސް ކުރިއަށް. އެއީ ކުރިއަށް އޮތް 20 އަހަރު ވިސްނައިގެން، މިޤައުމުގެ ޞިއްޙީދާއިރާއަށް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރެވޭގޮތަށް ފަރުމާކޮށްގެން” މިނިސްޓަރ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެއިތުރުން އެ މަނިކުފާނު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އީ. އާރް، ކުޑަކުދިންނަށް ޚާއްސަ އީ.އާރް.އެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި މިިނިޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

