މިދިޔަ އަހަރު ގާތްގަނޑަކަށް 10.3 މިލިއަން މީހުންނަށް ހިމަބިހި ޖެހުނުކަމަށް އަލަށް ކުރެވުނު ދިރާސާއަކުން ލަފާކުރެއެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
މި ގައިންގަޔަށް އަރާ ބަލީގެ ކޭސްތައް އިތުރުވެފައިވަނީ ވެކްސިން ޖެހުމުގެ ނިސްބަތް ދަށްވުމުގެ ސަބަބުންކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ޔޫއެސް ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ޝާއިޢުކުރި ދިރާސާގައި ބުނެފައިވެއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިއީ މީހުންގެ ފުރާނައަށާއި ސިއްޚަތަށް ނުރައްކާވާނެ ކަމެއް ކަމަށް ސީޑީސީގެ ޑިރެކްޓަރ މޭންޑީ ކޯހެން ބުނެފައިވެއެވެ. "ހިމަބިހީގެ ވައިރަހުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުން. އަދި ވެކްސިން ލިބޭނެ މަގުތައް ތަނަވަސް ކުރުމަށް ކުރެވެން އޮތް މަސައްކަތްތައް ކުރަން ޖެހޭ."
ހިމަބިއްސަކީ ދުނިޔޭގައި އެންމެ އަވަހަށް ފެތުރޭ ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ. ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި މަދުވެގެން 95 އިންސައްތަ މީހުންނަށް ހިމަބިހި އަދި ރުބެއްލާ ވެކްސިންގެ ދެ ޑޯޒު ދޭންޖެހެއެވެ.
ނަމަވެސް 2023 ވަނަ އަހަރު ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން 83 އިންސައްތަ ކުދިންނަށް އާންމު ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން ހިމަބިހީގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ ނިސްބަތާ އެއްވަރެކެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ކުރިން މި ނިސްބަތް ހުރީ 86 އިންސައްތައިގައެވެ.
މިދިޔަ އަހަރު ވެކްސިންގެ ދެވަނަ ޑޯޒު ދީފައިވަނީ 74 އިންސައްތަ ކުދިންނަށްކަން ދިރާސާއިން ދައްކައެވެ.
"ފާއިތުވި 50 އަހަރުގެ ތެރޭގައި އެންމެ ގިނަ ފުރާނަ ސަލާމަތްކުރެވިފައިވަނީ ހިމަބިހީގެ ވެކްސިންގެ ސަބަބުން." ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް ބުނެފައިވެއެވެ.
ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިން ޖެހުމުގެ ނިސްބަތް ދަށްވުމުގެ ސަބަބުން، 2023 ވަނަ އަހަރު 57 ޤައުމެއްގައި ހިމަބިހި ފެތުރި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެެވެ. މިއީ އޭގެ ކުރީ އަހަރުތަކުގައި ފެނުނު 36 ޤައުމާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިކަން ޑަބްލިއުއެޗްއޯ/ސީޑީސީ ދިރާސާއިން ދައްކައެވެ.
އެމެރިކާގެ ސަރަޙައްދު ފިޔަވައި އެހެން ހުރިހާ ސަރަޙައްދުތަކެއްގައި މިބަލި ފެތުރިފައިވެއެވެ. އަދި މިބަލީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ފެތުރިފައިވަނީ އެފްރިކާ ސަރަޙައްދުގައެވެ.
މި ވައިރަސް ޖެހުމުން ގައިގައި ބިހި ނެގުމާއި، ހުންއައުމާއި، ރޯގާގެ އަލާމާތްތައް ފެނެއެވެ. އަދި ޚާއްޞަކޮށް ކުޑަކުދިން މިބަލީގެ ނުރައްކާ ބޮޑެވެ. 2023 ވަނަ އަހަރު މި ބަލީގެ ސަބަބުން 107,500 މީހުން މަރުވެފައިވާކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ގިނައީ 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މި އަދަދުވަނީ އޭގެ ކުރީ އަހަރުތަކާއި އަޅާބަލާއިރު 8 އިންސައްތައިގެ ދަށްވެފައެވެ.
މި އިދާރާތަކުން ބުނެފައިވާ ގޮތުގައި ކެއިން ބުއިމުގެ ހާލަތު ރަނގަޅު އަދި ސިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭ ޤައުމުތަކާއި ސަރަހައްދުތަކުގައި ހިމަބިހި ޖެހޭ ކުދިން މަރުވުމުގެ ފުރުޞަތު ކުޑަވުމުގެ ކުޑައެވެ.
2030 ވަނަ އަހަރާއި ހަމައަށް ހިމަބިހި އާންމު ބައްޔެއްގެ ގޮތުގައި އޮތުން ނައްތާލުމަށް ކަނޑައަޅާފައިވާ ދުނިޔޭގެ ލަނޑުދަނޑި ހާސިލުކުރުމަށް ދަތިވާނެ ކަމަށް އެ އިދާރާތަކުން އިންޒާރުދީފައިވެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 82 ޤައުމަކުންވަނީ ހިމަބިހި އެއްކޮށް ނައްތާލާފައެވެ.
މި ހަފުތާގައި ބްރެޒިލުން ހިމަބިހި ނައްތާލެވިފައިވާކަން އަލުން ކަށަވަރުކުރުމާއެކު، ޑަބްލިއުއެޗްއޯގެ އެމެރިކާ ސަރަޙައްދަކީ އަނެއްކާވެސް ހިމަބިހި އާންމު ބައްޔެއްގެ ގޮތުގައި ނެތް ސަރަޙައްދެއް ގޮތުގައި ވަނީ ބެލެވިފައެވެ.
އެފްރިކާ ފިޔަވައި އެހެން ހުރިހާ ސަރަޙައްދުތަކެއްގައިވެސް މަދުވެގެން އެއް ޤައުމެއްގައި މި ބަލި ނައްތާލެވިފައިވެއެވެ.
މި އިދާރާތަކުން ގޮވާލާފައިވަނީ ހުރިހާ ކުދިންނަށް ހިމަބިހި ވެކްސިންގެ ދެ ޑޯޒު ދީފައިވާކަން ވީހާވެސް އަވަހަށް ކަށަވަރު ކުރުމަށެވެ. ޚާއްޞަކޮށް އެފްރިކާ އަދި އިރުމަތީ މެޑިޓެރޭނިއަން ސަރަޙައްދުތަކުގައާއި، އަދި ހަނގުރާމައިގެ އަސަރު ފޯރާފައިވާ ސަރަޙައްދުތަކުގައި މިކަމަށް އިސްކަންދޭންޖެހެއެވެ.
މިކަން ހާސިލުކުރުމަށްޓަކައި، އާންމުންނަށް ހުޅުވައިގެން ވެކްސިން ޕްރޮގްރާމްތައް ހިންގައި، ގިނަ ބަޔަކަށް އަމާޒުކޮށްގެން ކެމްޕޭންތައް ހިންގަންޖެހޭކަމަށް އެ އިދާރާތަކުން އިލްތިމާސްކުރެއެވެ.

