އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތު ވޭލްސް (ޔޫއެންއެސްޑަބްލިއު) ގެ ސައިންސްވެރިން ވަނީ ކޮންމެ ސްމާޓްފޯނެއްގައިވެސް ހުންނަ ވައިބްރޭޝަން މޯޓަރު ބޭނުންކޮށްގެން ކިރު ހަލާކުވެފައިވޭތޯ ބެލޭނެ ގޮތެއް ހޯދާފައެވެ.
މިހާރުގެ ސްމާޓްފޯނަކީ އޭގެއިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭ ވަރަށް ބޭނުންތެރި އެއްޗެކެވެ. އަދި މި އާންމު ގެޖެޓަށް ކޮންމެ ދުވަހަކުހެން ދަނީ އައު ބޭނުންތައް އިތުރުވަމުންނެވެ. ކުރިއަށް އޮތް ތަނުގައި އަތުގައި އޮތް ފޯނު ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކުގެ ތެރެއިން އެއް ގޮތަކީ، ބޯ ކިރު ހަލާކުވެފައިވޭތޯ ބެލުމެވެ. މިހާރު ގޭގައި ނުވަތަ ފިހާރައިގައި ހުރެގެންވެސް، ކިރުގެ ފުޅި ހުޅުވާލުމަކާ ނުލައި މި ކަން ކުރެވޭނެ ގޮތް ސައިންސްވެރިން ވަނީ ހޯދާފައެވެ.

ކިރުގެ އުފެއްދުންތަކަކީ އާންމު ގޮތެއްގައި އެންމެ އަވަހަށް ހަލާކުވާ ކާނާގެ ބާވަތް
ޔޫއެންއެސްޑަބްލިއުގެ ކޮމްޕިއުޓަރ ސައިންސް އެންޑް އިންޖިނިއަރިންގ ގެ ސައިންސްވެރިން ވަނީ "ވިބްމިލްކް" ކިޔާ އައު ސްމާޓްފޯން ސެންސަރެއް ތަރައްޤީކޮށްފައެވެ. މި ސެންސަރު ބަރޯސާވަނީ ފޯނުގެ ވައިބްރޭޝަން މޯޓަރާއި އިނަރޝަލް މެޝަރމަންޓް ޔުނިޓް (އައިއެމްޔޫ) އަށެވެ. މި ސެންސަރު ބޭނުންކޮށްގެން ކިރުގެ ފުޅި ހުޅުވާލުމަކާއި ނުލައި ކިރުގެ ތާޒާމިން ބެލޭނެއެވެ. މި ހައިޓެކް ގޮތް ބޭނުންކޮށްގެން ކުރިއަށް އޮތް ތާގައި ކިރުގެ އުފެއްދުންތައް ބޭކާރުވެގެން ދިއުން 20 އިންސައްތަ މަދުކުރެވިދާނެއެވެ.
"ކިރު ހަލާކުވެފައިވޭތޯ ގިނަ ފަހަރު ބަލަންޖެހެނީ ވަސްބަލައިގެން ނުވަތަ ރަހަބަލައިގެން. އެކަމަކު އެކަން ކުރުމަށް ފުޅި ނުވަތަ ޕެކެޓު ހުޅުވަންޖެހޭ." ޔޫއެންއެސްޑަބްލިއުގެ ޕްރޮފެސަރ ވެން ހޫ ބުނެފައިވެއެވެ.
ފުޅި ހުޅުވާލުމުން ބެކްޓީރިއާ ނުވަތަ ޖަރާސީމު އެތެރެވެ، ކިރު އަވަހަށް ހަލާކުވެއެވެ. ވިބްމިލްކްއަކީ ފުޅި ހުޅުވާލުމަކާ ނުލައި އަދި ފުޅީގެ ސީލް ނުގެއްލޭ ގޮތަށް ކިރުގެ ތާޒާމިން ބެލޭނެ ގޮތެކެވެ.
ވިބްމިލްކްއަކީ ކިރުގެ ތާޒާކަން ބެލުމަށް ފުޅި ހުޅުވާލުމަކާ ނުލައި އީޖާދުކުރި ދުނިޔޭގެ ފުރަތަމަ ގޮތެއް ނޫނެވެ. ނަމަވެސް، ކުރީގެ ގޮތްތަކަކީ ބޭނުންކުރަން އުނދަގޫ އަގުބޮޑު އާލާތްތައް ބޭނުންކޮށްގެން ހަމައެކަނި ބޭރު ފެންނަ ޓްރާންސްޕޭރެންޓް ކިރު ފުޅިތަކަށް ބޭނުންކުރެވޭ ގޮތްތަކެކެވެ. އެހެންނަމަވެސް، ވިބްމިލްކްއަކީ އާންމުކޮށް ގެންގުޅޭ ސްމާޓްފޯނުތަކުގައި ހުންނަ ވައިބްރޭޝަން މޯޓަރު ބޭނުންކޮށްގެން މަސައްކަތްކުރާ އެއްޗަކަށްވުމުން، މި ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެއެވެ.

ކިރު ހަލާކުވަމުންދާ މަރުޙަލާގައި ޕީއެޗް (pH) ގެ ވެލިއު ވަގުތާއެކު ބަދަލުވަމުންދެއެވެ.
ސައިންސްވެރިން ވިބްމިލްކް އުފެއްދީ ކިރު ހަލާކުވާ ގޮތް ދިރާސާކުރުމަށްފަހުއެވެ. ކިރު ހަލާކުވަނީ އޭގައި ބެކްޓީރިއާ އިތުރުވުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ލެކްޓޭޓްގެ މިންވަރު އިތުރުވެ، ގްލޫކޯސްގެ މިންވަރު ދަށްވެއެވެ. ކިރު ހަލާކުވުމުން އޭ ހުންނަ ގޮތަށް ބަދަލު އާދެއެވެ. އެއީ އޭގެ ޑެންސިޓީ(ބޯމިން)، ވިސްކޮސިޓީ(އޮލަމިން)، އަދި ސަރފޭސް ޓެންޝަން ފަދަ ކަންކަމަށް ބަދަލު އަންނައެވެ. މި ބަދަލުތަކުގެ ސަބަބުން ސެންސަރުގެ ވައިބްރޭޝަން ސިގްނަލްތައް ތަފާތު ވެއެވެ.
ވިބްމިލްކްއިން ސްމާޓްފޯނުގެ މޯޓަރުން އުފައްދާ ވައިބްރޭޝަން ކިރުގެ ތެރެއިން ދަތުރުކުރާއިރު އެއިން އަނބުރާ ލިބޭ ސިގްނަލްތައް ރެކޯޑުކުރެއެވެ. އޭގެ ފަހުން މެޝިން ލާރނިންގ އަލްގޮރިދަމްތައް ބޭނުންކޮށްގެން މި ސިގްނަލްތައް އެނަލައިޒްކޮށް، 23 ތަފާތު ޕީއެޗް ލެވެލްގައި ހަލާކުވަމުންދާ ކިރު ދެނެގަނެއެވެ.

"ވިބްމިލްކް" ގެ ސަބަބުން ކާންބޯން ބޭނުންކުރާ ކިރުގެ ތާޒާކަން ދެނެގަތުމުށް ޕެކެޓް، ދަޅު އަދި ފުޅި ފަދަ ތަކެތި ހުޅުވައި ބަލަން ނުޖެހޭ
ގިނަ މީހުން ޤަބޫލުކުރާ ގޮތާ ޚިލާފަށް، ކިރު ފުޅި ނުވަތަ ޕެކެޓްތަކުގެ ބޭރުގައި ޖަހާފައި ހުންނަ މުއްދަތު ހަމަވާ ތާރީޚުތަކުން ކިރު ހަލާކުވާނެ ވަގުތު ސީދާކޮށް ނޭނގޭނެއެވެ. އެއީ ކިރު ހަލާކުވުން ބިނާވަނީ ގިނަ ކަންތައްތަކެއްގެ މައްޗަށް ކަމަށްވާތީއެވެ. މިސާލަކަށް، ރައްކާކުރާ ގޮތާއި، އުފުލާ ގޮތާއި، ފުޅީގެ އިންސިއުލޭޝަން ފަދަ ކަންކަމުގެ މައްޗަށެވެ. ރަނގަޅު ފިނިހޫނުމިނެއްގައި ބަހައްޓާފައިވާ ކިރު، ދީފައިވާ މުއްދަތުގެ ދެތިން ދުވަސް ފަހުން ބޭނުންކުރިޔަސް ރަނގަޅުވާނެއެވެ. އަދި ރަނގަޅު ފިނިހޫނުމިނެއްގައި ނުބެހެއްޓޭ ހާލަތުގައި ދީފައިވާ މުއްދަތު ކުރިންވެސް ހަލާކުވެދާނެއެވެ. އެހެންކަމުން، ބޭނުންކުރުމުގެ ކުރިން ކިރުގެ ތާޒާކަން ބެލުމަކީ މާ ބުއްދިވެރި ކަމެކެވެ. މިކަމުން ބޭކާރު ގޮތުގައި ކިރު އުކާލުމާއި އެ ކިރު ބޭނުންކޮށްގެން ބަލިވުން ފަދަ ކަންކަމުން ސަލާމަތްވާނެއެވެ.
މި ޓެކްނޮލޮޖީ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސައިންސްވެރިން މިހާރު ދަނީ ތަފާތު ޕެކޭޖިންގ މެޓީރިއަލްތަކުން ވައިބްރޭޝަން ސިގްނަލްތައް ކިރުގެ ތެރެއިން ދަތުރުކުރާއިރު އޭގެ ސަބަބުން ކުރާ އަސަރު ދިރާސާކުރަމުންނެވެ.

