ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު 1 އަހަރު ފުރުނުއިރު، މި އެއް އަހަރުގެ ތެރޭގައި އިސްލާމީ ނޫރާއި ދީނީ އަޤީދާ ދާއިރާއިން ވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރެވިފަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ނޫރާއި ދީނީ އަޤީދާގެ ދާއިރާއަށް މުހިއްމު އިސްކަމެއް ދެއްވާފަކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިކަންކަން ތަންފީޒުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީގެ މޭސްތިރިކަމުގެ ދަށުން އެ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ ކަމަށާއި، ފަޤީރުންނަށް ދައުލަތުން ހިލޭ ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދައުލަތުގެ ބެލުމުގެ ދަށުން، ފުދުންތެރިކަން ނެތް 1000 މީހުން ހިލޭ ފަރުޟު ޙައްޖަށް 5 އަހަރުގެ ތެރޭގައި ގެންދިޔުމުގެ މަސައްކަތް ތަންފީޒުކުރުމަށްޓަކައި، 1445 ވަނަ އަހަރު ވަނީ 50 ފަޤީރުން ފަރުޟު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ފުރުޞަތު ދީފައެވެ. މިގޮތުން، މިފަރާތްތައް ހޮވާފައިވަނީ، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު"ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންނެވެ.
ދިވެހިރައްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިނުން ފަހިކުރުމުގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.2 ގައި ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އައު ޢިމާރާތެއް ބިނާކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން، އެ ވުޒާރާއިން މިހާރު އަންނަނީ ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނާ މަޝްވަރާކޮށްގެން ޕާކިންތާނު ސަރުކާރުގެ އެހީގައި އައި.ޔޫ.އެމްގެ އައު ޢިމާރާތް އެޅުމުގެ މަޝްވަރާތައް ކުރަމުން ކަމަށްވެސް ބުނެފައި ވެއެވެ.
މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކޮށްފައިވާ ކަމަށާއި، މިސްކިތްތަކުގެ ޙާލަތު މެދުކެނޑުމެއްނެތި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، "މަސްޖިދު ޕޯޓަލް"ގެ ނަމުގައި ޕޯޓަލެއް ވަނީ 22 ފެބްރުއަރީ 2024 ވަނަ ދުވަހު ލޯންޗުކުރެވިފައި ކަމަށެވެ. އެ ޕޯޓަލްގެ ޒަރިއްޔާއިން މިސްކިތުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއި، މިސްކިތުގެ އިމާމުންނާއި ބެހޭގޮތުން އެކިއެކި ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބުދާރީ ވަމުންދާނެ ކަމަށްވެސް ބުނެއެވެ.
މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގޮތުން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ދައުލަތުގެ ބަޖެޓުން 15,000,000 ރުފިޔާއާއި، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑުން 4,500,000 ރުފިޔާއާއެކު ޖުމްލަ 19,500,000 ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފަ ކަމަށްވެސް ބުނެއެވެ.
ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުމާއި، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް ފުޅާކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފަ ކަމަށެވެ. އެގޮތުން އެވުޒާރާއިން ހިލޭ ޤުރްއާން ކިޔަވައިދޭނެ ފަރާތްތަށް ހޯދުމަށް ކުރި އިއުލާންއަށް އިޖާބަދީ 29 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެހެންކަމުން "މިސްކިތު ޤުރްއާން ކުލާސް"ގެ ނަމުގައި 09 އޮކްޓޯބަރ 2024 ގައި ފެށި މި ކިލާސްތައް ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ވަނީ ފަށާފައެވެ. މި ޕްރޮގުރާމްގެ ދަށުން ހިންގާ ހުރިހާ ކިލާސްތަކެއްވެސް ހިންގަނީ ހިލޭ ސާބަހަށެވެ. މި ކިލާސްތައް ކުރިއަށް ދަނީ އަޞްރު ނަމާދާއި މަޣްރިބް ނަމާދު ފަހުންނެވެ.
ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުން މިއީވެސް ކުރެވޭނެ މުހިންމު މަސައްކަތެކެވެ. ރާއްޖޭގައި ހުރި ވަޤްފު އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި ތަޢުލީމީ އަދި ސިއްޙީ ކަންކަމަށް އެފައިސާއިން ޚަރަދުކުރުމުގެ ސިޔާސަތު ތަންފީޛުކުރުމުގެ މަޤްޞަދުގައި، މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤްފު މަޝްރޫޢުތައް އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންކަމަށްވެސް ބުނެފައި ވެއެވެ.
އަދި ވަކިން ޙާއްސަކޮށް ހުޅުމާލެ ފޭސް 1 (ލޮޓް ނަންބަރު: 11646)ގައި އިސްލާމީ ވަޤްފު ޢިމާރާތެއް "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" ގެ ނަމުގައި ޤާއިމުކުރުމަށްޓަކައި ބިން ރަޖިސްޓްރީ ކުރެވި، ކޮންސެޕްޓް އަދި ޑީޓެއިލް ޑްރޮވިންގ ތައްޔާރުކުރުމަށްފަހު، ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުން މަސައްކަތްކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމަށް ވަނީ 09 އޮކްޓޫބަރު 2024 ގައި އިޢުލާނުކޮށްފައެވެ.
މާލެ ސިޓީގައި އައު ވަޤުފް ޢިމާރާތެއް "ދާރުލްއަރްޤަމް"ގެ ނަމުގައި ޢިމާރާތްކުރުމަށްޓަކައި، ބްލޮކް ނަންބަރު: 64، އިން 2000 އަކަފޫޓުގެ ބިމެއް ވަނީ 08 ސެޕްޓެމްބަރު 2024 ގައި މި މިނިސްޓްރީއަށް މާލެ ސިޓީ ކައުންސިލުން ޙަވާލުކޮށްދެއްވާފައެވެ. އަދި ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، މި ޢިމާރާތުގެ ކުރެހުމާއި، ބީ.އޯ.ކިއު ޑޮކިއުމަންޓް އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި ވަނީ 08 އޮކްޓޫބަރު 2024 ގައި އިޢުލާނުކޮށްފައެވެ.
ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ވަޤުފް ޕްރޮޖެކްޓުތަކެއް ކުރިޔަށްގެންގޮސް، ވަޤުފް ޢިމާރާތް ކުއްޔަށްދީގެން ލިބޭ އާމްދަނީއިން އަތޮޅުތެރޭގައި ހުރި ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރުމަށާއި، އަލަށް މިސްކިތް ޢިމާރާތްކުރުމަށާއި، އަދި އަތޮޅުތެރޭގައި އިސްލާމީ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމުގެ މަޤްޞަދުގައި، "އަތޮޅު ވަޤްފު" އަދި "ސިޓީ ވަޤްފު"ގެ ނަމުގައި މަޝްރޫޢުއެއް ވަނީ 04 ޖަނަވަރީ 2024 ގައި އިފްތިތާޙްކޮށްފައެވެ. މިގޮތުން، މިހާތަނަށް 10 ސިޓީ/އަތޮޅު ކައުންސިލުންނާއި، އަދި 14 ރަށު ކައުންސިލަކުން ވަޤުފް ޢިމާރާތް ޤާއިމުކުރުމަށް އެ ވުޒާރާއަށް ޕްރޮޕޯސަލް ވަނީ ހުށަހަޅާފަ ކަމަށްވެސް ބުނެއެވެ. މީގެ ތެރެއިން، އައްޑޫ ސިޓީގެ ވަޤުފް މަޝްރޫޢުއާއި، އެހެނިހެން ޕްރޮޕޯސަލްތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކޮށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިޔުމުގެ މަގު ފަހިކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން، ކެބިނެޓް ކަރުދާހެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 08 އޮގަސްޓް 2024 ގައި ހުށަހަޅާފައެވެ.
"މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމުގެ އިތުރުން ދިވެހިރާއްޖޭގައި މިހާރު އޮތް ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ފަންޑު ފުޅާކުރުމުގެ ގޮތުން ޒަކާތަށް ލިބޭ ފައިސާއިން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކަށް އިންވެސްޓްކޮށް ޒަކާތުގެ މާލީ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި، ރައީސްއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން 18 ޑިސެމްބަރ 2023 ގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި މުއައްސަސާއެއް ވަނީ އުފައްދަވާފައެވެ.
އެ މުއައްސަސާއަކީ ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތް ބެހުމާއި، ޒަކާތުގެ ނިޒާމް ހަރުދަނާކުރުމާއި، ޒަކާތު ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަކި މެންޑޭޓްއެއް ކަނޑައަޅާފައިވާ މުއައްސަސާއަކަށްވާތީ، އެ މެންޑޭޓް ތަންފީޒުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސްދަނީ ކުރެވެމުން ކަމަށް އެމިނިސްޓްރީން ބުނެއެވެ. ނަމަވެސް ޖާގައިގެ ދަތިކަންހުރުމުގެ ސަބަބުން، އެ މުއައްސަސާގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށްވަނީ ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އެގޮތުން، އެ މުއައްސަސާ ހިންގުމަށް ދާއިމީ ޢިމާރާތެއް ބިނާކުރުމަށްޓަކައި، ބިމެއް ގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ޒަކާތު ހައުސް ހުޅުމާލޭގައި ބިނާކުރުމަށް މިހާރު ވަނީ ބިމެއް ހަމަޖެހިފަ ކަމަށް ވެސް އެވުޒާރާއިން ބުނެއެވެ. 2025 ވަނަ އަހަރު އެއިމާރާތުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
ޑިސެންބަރު 2023 އިން ސެޕްޓެންބަރު 2024 ގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 89,043,821.67 ލިބިފައިވެއެވެ. އަދި 1444 ވަނަ އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 12,736,000 ވަނީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 3184 ފަޤީރުންގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައެވެ. އެ ފައިސާ ޖަމާކުރެވިފައިވަނީ، ބޮލަކަށް 4000 ރުފިޔާގެ ރޭޓުންކަމުގައިވާއިރު މިއީ ރާއްޖޭގެ ތާރީޚުގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހާފައިވާ އެންމެ ބޮޑު ޢަދަދެވެ.
1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން މިނިސްޓްރީއަށް ދައްކާފައިވާ ފައިސާއާއި ފަޤީރުން ނެތް ރަށްރަށުން ބަލައިގަނެ މިނިސްޓްރީއަށް ޖަމާކުރި ފައިސާ ހިމެނޭހެން މިނިސްޓްރީއަށް ވަނީ 9,744,824.00 ރުފިޔާ ލިބިފައެވެ. މިގޮތުން، 5023 ފަޤީރުންނާއި މިސްކީނުންނަށް ޖުމްލަ 9,283,612.57 ވަނީ ބަހާފައެވެ. އަދި ބާކީ 461,211.43 ރުފިޔާ ވަނީ ފިޔަވަތިއަށާއި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ހަދިޔާކޮށްފައެވެ.
ޒަކާތު ބޭސްފަރުވާ ވަން ގަވްއަށް ބަދަލުކުރުން ރަސްމީކޮށް 4 ނޮވެންބަރު 2024 ގައި އިފްތިތާޙްކުރެވި، މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް 26 އޮކްޓޫބަރު 2024 ގައި ބޭއްވުން. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަދި ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން އިން 04 ނޮވެންބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ން 11:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ދެމުންގެންދާ ބޭސްފަރުވާގެ އެޙީއަށް އެދުމުގެ ހިދުމަތް ( (OneGovޕްލެޓްފޯމްއާއި ގުޅިގެން ޑިޖިޓަލް ކުރުން ލޮންޗްކޮށްފައިވެއެވެ.
ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުމަމީވެސް އެވުޒާރާގެ މުހިންމު މަސައްކަތެކެވެ.
މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި މިސްކިތްތަކަކީ އިސްލާމީ ޚިދުމަތްތަކެއް ލިބެން ހުންނަ ތަނަކަށް ހެދުމަށްޓަކައި މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިސްކިތުގައި އިސްލާމިކް ލައިބްރަރީ ޤާއިމްކުރުމުގެ ގޮތުން ރާއްޖޭގެ ކަންކޮޅުތަކުގެ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމިކް ލައިބްރަރީ ހެދުމަށް ފޮތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެތަންތަނުގައި ލައިބްރަރީ ހެދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުމުގެ ދަށުން ޢަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކޮށް އިމާމުންނަށް ހާއްސަކޮށް ޢަރަބި ބަސް ދަސްކޮށްދޭ ކޯސްތަކެއް ވަނީ ފަރުމާކުރެވި، 13 ޑިސެމްބަރު 2023 ގައި ވަނީ ފަށާފައެވެ. މިހާތަނަށް މި ކޯހުގެ ލެވެލް 01 އަދި ލެވެލް 02 އިން ޖުމްލަ 56 އިމާމުންނަށް ވަނީ ކިޔަވާދެވިފައެވެ. އަދި މި ކޯހުގެ ލެވެލް 03 ގައި 40 އިމާމުން ބައިވެރިވެ، ކޯހުގެ ކިޔެވުންދަނީ ފުރިހަމަކުރަމުންނެވެ.
މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުރިއެވެ. މިސްކިތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާއަރުވާ ޚާއްސަ ކޮމެޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް ޤާއިމުކުރުމަށާއި، އެ ކޮމެޓީގެ ބެލުމުގެ ދަށުން މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ވަނީ 28 ޑިސެންބަރު 2023 ވަނަ ދުވަހު އިފްޠިތާޙްކޮށްފައެވެ.
މިގޮތުން، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ވަނީ 25 ފެބުރުވަރީ 2024 ގައި އެކުލަވާލާފައެވެ. އަދި މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ޤަވާޢިދު ވަނީ 01 އޮގަސްޓް 2024 ވަނަ ދުވަހު ޢާންމުކޮށްފައެވެ.
:އިސްލާމިކް މިނިސްޓްރީ

