ކޮޅުމަޑުލު ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މި ވައުދު ވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠަޢާމު މުޙައްމަދެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއެވެ.
މި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމަށާއި، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

