ހެންވޭރު ގެއަކުން އިލެކްޓްރޯނިކްސް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މެންދުރުފަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 14 ވަނަ ދުވަހު ހެންވޭރު ގެއަކުން ވައްކަންކުރި މައްސަލާގައި ހައްޔަރުކުރީ ހ.ސަމާގްރީން، އިބްރާހިމް ޒަކަރިއްޔާ (33 އ) އާއި، ސ.ހިތަދޫ، ކުރިބޯށިގޭ، މުޙައްމަދު ޒަރީރު (36 އ) ކަމަށެވެ.
މި ދެ މީހުން އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިލެކްޓްރޯނިކްސް ބައެއް ތަކެތި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށާއި، އެތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކަކާއި، ޓެބްލެޓްތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ޒަކަރިއްޔާ ކޯޓަށް ހާޒިރުކުރީ އިއްޔެ ކަމަށާއި، ޒަރީރު ކޯޓަށް ހާޒިރުކުރީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

