ތ.މަޑިފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުން މި މަހުގެ 14 ގައި މަޑިފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އެ ރަށު އެދުރުގެ، ހާޝިމް ޢަބްދުﷲ (28އ) ކަމަށެވެ.
ފުލުހުން ބުނީ މަޑިފުށި ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަޑިފުށި ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

