މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މާލޭގައި “މަސްވެރިންގެ ފޯރަމް” ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މާލޭގައި “މަސްވެރިންގެ ފޯރަމް” ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 11 އިން 14 އަށެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދިނުމާއި، މި ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
މި ފޯރަމްގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި ދުވަހާ ގުޅިގެން މާލެ ސިޓީގައި ބޭއްވޭ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ދައުވަތު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ކަނޑައެޅޭ ދެ ފަރާތަކަށް ދިނުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
މި ދެ ފަރާތަކީ ކޮންމެ ރަށެއްގެވެސް ކަނޑު މަސްވެރިކަން ތަމްސީލުކުރާނެ، މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ، މަސްވެރިކަން ކުރާ އުޅަނދެއްގެ ކެޔޮޅު، ނުވަތަ ފަޅުވެރިޔަކަށް ވާންޖެހެއެވެ.
މި ބައިވެރިންގެ ދަތުރު ޚަރަދާއި، ހުރުމާއި، ކެއުމުގެ ޚަރަދު މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

