މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން މިއަދު ބުނެފިއެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ހުޅުވައިލީ އޮކްޓޯބަރ 24 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނެފައިވަނީ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތަންތަނާއި ފަންނުވެރިންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2022 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ދޭން ފެށި ގައުމީ އިނާމެކެވެ.
ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުފަހަރާއި ޓްރެވަލް އެޖެންސީތަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މިނިސްޓްރީން ވަނީ 5 ކެޓަގަރީއަކުން 23 އެވޯޑެއް ދިނުމަށް ނިންމައިފައެވެ.
އެވޯޑަށް ކުރިމަތިލާން ޖެހޭނީ އޮންލައިންކޮށެވެ. އެވޯޑު ދިނުމުގައި ބަލާނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 01 އިން މިދިޔަ މެއިމަހުގެ 31 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކަށެވެ.

