2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ސީޕީ ޝުޖާއު ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ވަރަށް ގިނަ، ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިތުރު 23 ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށާފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.
މިވަގުތު ރާއްޖޭގެ 147 ރަށެއްގަ ފުލުހުންގެ ޚިދުމަތްދެމުންދާކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަޅުގަނޑުމެންނާ ހަވާލުކޮށްފަ އޮތް މަސައްކަތެއް އެއީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް، މީހުން އުޅޭ ކޮންމެ ރަށެއްގަ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ 2026 ނިމުމުގެ ކުރިން އަޅުގަނޑުމެން އެ ޓާގެޓް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ސޕީ ވަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ރަނގަޅުކޮށް ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ވެސް ގެންނަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި، ކައުންސިލުތަކާއި މުއައްސަސާތަކާ ގުޅިގެން އެކީގައި ދެމެހެއްޓެނިވި ގޮތުގައި ހަރުދަނާކުރުމަށް މި އޮނިގަނޑު މަގުފަހިކުރާނެ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

