ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދުވަހު އުފެއްދެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފުރަތަމަ އަހަރު ކުރެވުނު މަސައްކަތްތައް ހާމަކޮށްދޭ “އަހަރީ ދުވެލި 2024” ނެރެފިއެވެ.
އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ސައިޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ފޮތުގައި ހިމަނާފައިވާ މިނިސްޓަރުގެ ޚިޠާބުގައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ލަފާފުޅާއެކު ފާއިތުވެދިޔަ އަހަރު އެ މިނިސްޓްރީން ވަނީ ރައްޔިތުން ބަލައިގަންނަ، ކާމިޔާބު، އަރުތަވެރި މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ގައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކު އިލްމީ ދިރާސާއެއް ކުރެވިފައިވާ ކަމަށާއި، އަދި އިދާރީ ދާއިރާތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމާބެހޭ މަޝްވަރާ ބައްދަލުވުންތަކެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ބޭއްވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އިދާރީ ދާއިރާތަކަށް ވިލަރެސްވެރިން ކަނޑައަޅައި، ކައުންސިލުތަކާއި، ސަރުކާރާއި، ރައްޔިތުން ގުޅުވައިދިނުމުގެ އެތައް މަސައްކަތްތަކެއް ކުރެވި، އެތައް ހައްލުތަކެއް ހޯދައިދެވިފައިވާކަން ވެސް މިނިސްޓަރުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

