އަންނަ ސެޕްޓެމްބަރު މަހު މެދު ތެރޭގައި ވެރިކަން ކުރާ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައިވާއިރު މިހާރު ފެންނަމުން ދަނީ މަސްރަހު ވަރަށްވެސް ވާދަވެރި ކޮށެވެ. އެގޮތުން އެންމެ ވާދަވެރި މަގާމަކަށް ފެންނަނީ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމެވެ. އެ މަގާމަށް މިހާތަނަށް ޖުމްލަ 6 ބޭފުޅަކު ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު އޭގެ ތެރޭގައި ޕާޓީގެ މިހާރުވެސް އިސް ބޭފުޅުން ހިމެނެއެވެ.
އެގޮތުން ޕާޓިގެ ނައިބުކަމަށް ވާދަކުރައްވަން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕީއެންސީގެ ނާއިބް ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ދަރިކަލުން އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ އިތުރުން ރައީސްގެ ކޮއްކޯފުޅު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހިމެނިވަޑައިގަންނަވައެވެ.
މި ހުރިހާ ބޭފުޅުންވެސް މިކަން އިއުލާންކުރައްވާފައިވަނީ ކޮންމެ ބޭފުޅެއްގެ ވެސް މީސް މީޑޔާ ހެންޑްލްތައް މެދުވެރިކޮށެވެ.
މީގެ ތެރެއިން ވަޒީރު ރާފިއު، މެސެޖުގައި ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ފަރާތުން އިންތިޚާބުކުރާ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ޤަޞްދުކުރައްވާފައިވާ ކަމަށެވެ. އަދި މި މަޤާމަށް އެމަނިކުފާނު އިންތިޚާބު ކުރެއްވުމުގައި މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާއީދަށް ނުހަނު އިޚުލާޞްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިހާރުވެސް ޕާޓީގެ ނައިބުކަމުގައި ހުންނެވި ޝުޖާއު ކުރެއްވި ޕޯސްޓުގައި، ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާޢީދަށް އެދެމުން، އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ.އެގޮތުން 2013-2018 ގެ ވެރިކަން ނިމުމާއެކު، އޭރު އަޑުގަދަކޮށް އުޅުނު ގިނަ ބަޔަކު ފިލައިގެން ދިޔަ ނަމަވެސް، ޕާޓީގެ ރައީސާއެކު ސާބިތުވެ ހުންނެވި މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ޕާޓީ އިދިކޮޅުގައި އޮތްއިރު އެމްޑީޕީއާ ދެކޮޅަށް އިސްވެ ހިތްވަރާއެކު ނުކުންނެވި ކަމަށާއި، އުނދަގޫ ދަނޑިވަޅުތަކުގައިވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޤާމުގެ ދަހިވެތިކަމަށްވުރެ އަބަދުވެސް ޕާޓީގެ މަސްލަހަތު އިސްކުރެއްވި ކަމަށާއި، ބޮޑާނުހާކައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޕާޓީގައި ދެމިހުރެވުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.އަދި ޕާޓީގެ ވެރިކަމެއް ކުރުމަށްޓަކައި ޕާޓީގެ ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރައްވާ ބޭފުޅަކީ އޭނާ ކަމަށާއި، ޕާޓީގެ އާންމު މެންބަރުންގެ ފޯނުތަކަށް ޖަވާބުދީ، މެންބަރުންގެ އުފަލާއި ހިތާމައިގައި އަބަދުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓީގެ ރައީސަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ކެރިގެން މަސައްކަތް ކުރައްވާނެ އެކަކަށް އޭނާ ވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޝުޖާއު ވިދާޅުވީ، އޭނާއާ ނުލައި ޕާޓީގެ ލީޑަރޝިޕް ފުރިހަމަނުވާނެ ކަމަށެވެ.އެހެންކަމުން ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކުރާ ނައިބު ރައީސުންގެ ތެރޭގައި އޭނާ އިންތިޚާބުކޮށްދެއްވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރު ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްﷲގެ ޙަޟްރަތުން މަދަދާއި ރަޙްމަތަށް އެދެމުން ޕީއެންސީގެ ނައިބު ރައީސްކަމަށް އޭނާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކު ކަމަށެވެ.
މި މަގާމަށް ނުކުންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ޕާޓީގެ އުޚުއްވަތްތެރި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ޢަޒުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ޕީއެންސީ އުފެއްދުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކަކާއި ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑަރޝިޕްގައި މިއަދާ ހަމައަށްވެސް ޚިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، ދިވެހިވަންތަ ގައުމީ ފިކުރުގައި ފަހި ވަގުތުތަކާއި އުނދަގޫ ހާލަތްތަކުގައިވެސް ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
އޭނާގެ މައިގަނޑު އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި އަދި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި، ޕާޓީއަށް ލިބިފައިވާ ކާމިޔާބީތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ އާރުލާ އަދި އެންމެ ޚިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ އަބަދުވެސް ބޭއްވުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަސްމާ ވިދާޅުވެފައިވަނީ، ނައިބު ކަމަށް ކުރިމަތި ލައްވާ ކަމަށާ މެމްބަރުންގެ ލޯތްބާ އިތުބާރު އިހުވެސް ލިބުނު ކަމަސާ ދެން ވެސް ލިބޭނެ ކަމުގެ އިތުބާރާއެކު ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މުންދު ވިދާޅުވީ، ޤައުމީ ފިކުރަށް ކުރިމަތިވި ދަތި ވަގުތު ރައްޔިތުންގެ ލާބައާއި މަންފާއަށް ވުޖޫދުކުރި ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ މެންބަރުން ކުރެއްވި އިތުބާރާއެކު އޭނާއަކީ އިންތިޚާބުވި ނައިބު ރައީސެއް ކަމަށެވެ.އަދި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ވެރިކަމުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޝަރަފު ލިބިވަޑައިގެންފައިވާތީ، އެކަމަށްޓަކައި މާތް ﷲގެ ޙަޟްރަތަށް ޙަމްދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ޤައުމީ ފިކުރުގައި ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދެއްވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ޒަޢާމަތުގައި ހުންނެވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ.އެހެންކަމުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމުގެ މަތިވެރި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، އޭނާގެ ޤާބިލުކަން ތަންދިން އެންމެ ފުރިހަމައަކަށް މަސައްކަތްކުރުމުގެ ވަރުގަދަ ޢަޒުމުގައި ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމެވީ ކަމަށް މުންދު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން ރައީސްގެ ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މެމްބަރު ސައުދާ ވިދާޅުވީ، ޕާޓީގެ ނައިބު ކަމަށް ވާދަކުރަން ގަސްތުކުރާ ކަމަށާ ޕާޓީގެ އެންމެހާ ލޮބުވެތި މެމްބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީއެންސީ ކޮންގްރެސްގައި ހޮވުމަށް ނިންމާފައިވަނީ 4 ފިރިހެން ނައިބުންނާ 1 އަންހެން ނައިބެވެ.
ކޮންގްރެސް ޕާޓީގެ ކޮންގްރެސްއާ ގުޅިގެން ޕާޓީގެ ރައީސް، ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާޓީގެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އެންމެ ފުރިހަމައަށް އެތެރޭގެ ޑިމޮކްރަސީ (އިންޓާނަލް ޑިމޮކްރަސީ) ދައްކުވައިދޭނެ ކޮންގްރެސްއަށް ކަމަށެވެ.

