ސިޔާސީ ޕާޓީގެ ގާނޫނަށް 04 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލުގެ ދަށުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެތެރޭގައި އުވާލާފައިވާ ސިޔާސީ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލައާއި އެ ނޫން ވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީޚުން ފެށިގެން 5 އަހަރު ފަހުން ކަމުގައި ބަޔާންކޮށްފައިވާ އިސްލާހު ހިމެނެއެވެ.
މީގެއިތުރުން ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި، %0.2 ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ މާއްދާ ވަނީ އިސްލާހުކޮށްފައެވެ.
އެ ގޮތުން ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000 ރުފިޔާއާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

