މީޑިއާ ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޒު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިހެން ވިދާޅުވެފައިވަނީ މިއަދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކ ބްރޯޑްކާސްޓިންގ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވާފައެވެ. މި ބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީޑިއާ ކޮމިޝަންގެ ބިލުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވެއެވެ. މި ކޮމިޝަނުގައި ޖުމްލަ 7 މެންބަރުން ތިބޭއިރު، އޭގެތެރެއިން 4 މެންބަރުންނަކީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ، މީޑިއާތަކުން އައްޔަންކުރާ ބާކީ 3 މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުން ކަމަށާއި، މި 3 މެންބަރުން އައްޔަންކުރުމަށް ވޯޓު ދެވޭނީ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކަމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި ބިލުގައި ބުނާ ގޮތުން، މީޑިއާތަކުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބިގެންވާނެއެވެ.

