ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ދާލަން ކެރިއާ އެކްސްޕޯގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބި، އެ ކުންފުނީގެ ވަޒީފާއަށް 600 މީހުން ކުރިމަތިލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއޭސީއެލްގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ޒިޔާރަތްކޮށްފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ. މީގެ ތެރެއިން 600 މީހުން ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާއިރު، އިންޓާންޝިޕްގެ ފުރުސަތުގައި ބައިވެރިވުމަށް 103 މީހަކު ފޯމު ފުރިހަމަ ކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.

ދާލަން ކެރިއާ އެކްސްޕޯގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް
އެކްސްޕޯގައި އެމްއޭސީއެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަޒީފާގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. މި ލިޔުންތައް ހަވާލުކޮށްދެއްވާފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ.
އިތުރުން، އެމްއޭސީއެލްގެ ސްޓޯލަށް ޒިޔާރަތްކޮށް ރެޖިސްޓަރކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 5 މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި އެކްސްޕޯގައި އެމްއޭސީއެލްގެ 20 ޑިޕާޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި ކުރެވޭ މުހިންމު މަސައްކަތްތައް ދައްކާލާފައިވެއެވެ.

ދާލަން ކެރިއާ އެކްސްޕޯގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް
ދާލަން ކެރިއާ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމެވެ. އެމްއޭސީއެލުން ބުނެފައިވަނީ، އެ ކުންފުނިން މި އެކްސްޕޯގައި ބައިވެރިވެފައިވަނީ ރާއްޖޭގެ އިގުތިސާދާއި ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައި ކަމަށެވެ.

