ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އާ ގަވާއިދު ބަދަލުނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް އޮތް ގަވާއިދަށް ބަދަލު ނުގެންނަވާނެ ކަމަށެވެ.
“ނެތިން މި ގަވާއިދު ބަދަލުކުރާކަށް، ނުކުރާނަން. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލު ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހި ވަޑައިގަންނަވާނެ،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
މި ގަވާއިދާ ގުޅިގެން ބައެއް ރިސޯޓުތަކުގެ އޯނަރުން ވަނީ ދެކޮޅުހަދައި، އެކަން ސަރުކާރަށް އަންގާފައެވެ. އަދި މި ނިންމުން ބަދަލުކުރުމަށް އެދި ރައީސް އޮފީހަށް ސިޓީވެސް ފޮނުވާފައިވެއެވެ. ރިސޯޓު އޯނަރުން ބުނާ ގޮތުގައި، ރިސޯޓުތަކުން މިހާރުވެސް ޓެކްސްގެ ގޮތުގައި ފައިސާ ދައްކަނީ ޑޮލަރުންނެވެ. އަދި އޭގެ އިތުރުން ޖީއެސްޓީއާއި، މުވައްޒަފުންގެ މުސާރައާއި، ގްރީން ޓެކްސްއާއި، ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާއާއި، މާކެޓިންގ އަދި އެހެނިހެން ޚަރަދުތައްވެސް ކުރަމުންދަނީ ޑޮލަރުން ކަމަށް ވުމާއެކު، އެމްއެމްއޭގެ ގަވާއިދަށް ޢަމަލުކުރެވެން ނެތް ކަމަށް އެފަރާތްތަކުން ބުނެއެވެ.
އާ ގަވާއިދުގެ ދަށުން، ކެޓަގަރީ އޭ ޓޫރިސްޓު ވިޔަފާރިތަކުން މީލާދީ މަހެއްގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެއެވެ. ކެޓަގަރީ ބީ ވިޔަފާރިތަކުން ދައްކަންޖެހޭނީ 25 ޑޮލަރުގެ ރޭޓުންނެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިންވެސް ޖެހޭނީ ގާނޫނާއި ގަވާއިދުތަކަށް ތަބާވާން ކަމަށެވެ. މި ގަވާއިދާ ހިލާފުވާ ވިޔަފާރިތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެމްއެމްއޭއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

