މިދިޔަ ސަރުކާރުން ފަށާފައިވާ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް 2026 ވަނަ އަހަރު މުސާރަތައް ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މިގޮތުން، މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރުމަށް 500 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރެއިން ޓީޗަރުންނާއި ލެކްޗަރާއިންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ސިފައިންނާއި ފުލުހުންގެ މުސާރަތައް ވަނީ ބޮޑުކޮށްފައެވެ.
މިހާރު ސިވިލް ސާވިސްގައި 30،165 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މި އަހަރުގެ ބަޖެޓުގައި މުސާރަ ދިނުމަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 13.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ތެރެއިން، ސަރުކާރުން އަމާޒު ކުރައްވަނީ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމަށާއި، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށެވެ.

