ހާލަންޑް ގެ މޮޅު ކުޅުމާއި އެކު ނޯވޭ އިން ކަޒަކިސްތާން ބަލި ކޮއްފި އެވެ. ނޭޝަންސް ލީގު ގައި ނޯވޭ އާއި ކަޒަކިސްތާން ވާދަ ކުރި މެޗު ނޯވޭ އިން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާ އަކުންނެވެ. މެޗު ގައި މޮޅަށް ކުޅެ ގިނަ ފުރުސަތު ތަކެއް ހޯދި ނޯވޭ އިން އެ ޓީމުގެ ފުރަތަމަ ގޯލް މެޗު ގެ ތޭވީސް ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ހާލަންޑް އެވެ. އަދި މި ގޯލަށް އެކު ނޯވޭ ގެ ކުޅުން އިތުރަށް ވަރުގަދަކޮށް ނޯވޭ އިން އިތުރު ދެ ގޯލް ފުރަތަމަ ހާފު ގައި ކާމިޔާބު ކުރިއެވެ. މިގޮތުން ނޯވޭ ގެ ދެވަނަ ގޯލް މެޗު ގެ 37 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ ނޯވޭ ގެ ފުރަތަމަ ގޯލް ވެސް ޖަހާދިން ހާލަންޑް އެވެ. އަދި ނޯވޭ ގެ ތިންވަނަ ގޯލް މެޗު ގެ 41 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ އެލެގްޒެންޑާ ސޯލޮޓް އެވެ.
ފުރަތަމަ ހާފު ނޯވޭ އިން ނިއްމާލީ 3-0 ގެ ނަތީޖާ އަކުން ކުރީގަ އޮވެގެންނެވެ. ދެވަނަ ހާފު ވެސް ނޯވޭ އިން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. ނޯވޭ އިން ދެވަނަ ހާފު ގައި އިތުރު ދެ ގޯލް ކާމިޔާބް ކޮށްނަތީޖާ އިތުރަށް ފުޅާ ކުރިއެވެ. ނޯވޭ ގެ ހަތަރުވަނަ ގޯލް މެޗު ގެ 71 ވަނަ މިނެޓުގައި ހާލަންޑް އެ ޓީމަށް ޖަހާދީ މެޗުގައި ހެޓްރިކް ހެދި އިރު ނޯވޭ ގެ ފަސްވަނަ ގޯލް މެޗުގެ 76 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ އެންޓޯނިޔޯ ނޫސާ އެވެ. މި މެޗުން ލިބުނު މޮޅާއި އެކު ނޯވޭ ނޭޝަންސް ލީގު ގެ ގުރޫޕު 3 ގެ 1 ވަނައިގަ 13 ޕޮއިންޓް އާއި އެކު އޮތް އިރު މެޗުން ބަލިވި ކަޒަކިސްތާން އޮތީ 1 ޕޮއިންޓް އާއި އެކު ގުރޫޕު ގެ ހަތަރުވަނައިގައެވެ.

