ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ “މީޑިއާ ކޮންޓްރޯލް ބިލު” ބަލައިގަންނަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވޯޓެއް ނުދޭނެ ކަމަށާއި އެ ބިލު މަޖިލީހުން ބޭރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއަށްފަހު ސަޕޯޓަރުންނާ ސަލާންކުރައްވަމުން، ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
“އެ ބިލު މަޖިލީހުން ބޭރު ކުރާނަން. އޮފްކޯޒް (ބަލައެއް ނުގަންނާނަން). ދެކޮޅޭ ބުނެފައި އެއަށް ތާއީދުކުރީމަ ކިހިނެއް ވާނީ؟” ރައީސް ވިދާޅުވިއެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގެ މަޤްޞަދަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ޤާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމެވެ.
މި ބިލުގައި ހުށަހަޅާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށެވެ. މި ކޮމިޝަނުގައި ހިމެނޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ތިން މެންބަރުންނެވެ.
މި ބިލާ ގުޅޭގޮތުން ގިނަ ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޖޭއޭ އިން ވަނީ މި މައްސަލައިގައި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމާއާވެސް ބައްދަލުކޮށްފައެވެ. އަދި ނޫސްވެރިން އަންނަނީ ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށްވެސް ތައްޔާރުވަމުންނެވެ.

