އަޔަލެންޑް 5-0 ގެ ނަތީޖާ އަކުން ބަލިކޮށް އިންގްލެންޑް އިން ޔުއެފާ ނޭޝަންސް ލީގު ގެ ގުރޫޕު 2 ގެ 1 ވަނަޔަށް ޖެހިލައިފިއެވެ. އިންގްލެންޑް ގެ ވެމްބްލީ ސްޓޭޑިޔަމް ގައި ކުޅުނު މެޗު ގެ ފުރަތަމަ ހާފު ގައި ގޯލް ޖަހަން ރަނގަޅު ފުރުސަތުތަކެއް އިންގްލެންޑް އަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުމެއް އިންގްލެންޑް އަށް ހިފޭގޮތެއް ނުވިއެވެ.
ފުރަތަމަ ހާފު ނިމިގެން ގޮސްފަ ވަނީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ހާފު ގައި އިންގްލެންޑް އިން ލީޑު ނެގީ އަޔަލެންޑް ގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަޔަލެންޑް ގެ ލިޔަމް ސްކެލްސް އިންގްލެންޑް ގެ ބެލިންގްހަމް އަށް ކުރި ފައުލް އަކާ ގުޅިގެން ލިބުނު ޕެނަލްޓީ އިންނެވެ. މި ފައުލް އާއި އެކު މެޗުގެ ރެފްރީ ވަނީ ލިޔަމް ސްކެލސް އަށް ރަތް ކާޑެއް ދައްކާ ދަޑުން ފޮނުވާލާފައެވެ. މި ޕެނަލްޓީ މެޗުގެ 53 ވަނަ މިނެޓު ގައި އިންގްލެންޑް އަށް ކާމިޔާބު ކޮއްދިނީ އިންގްލެންޑް ގެ ކެޕްޓަން ހެރީ ކޭން އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެންތަނީ ގޯޑެން ގެ ގޯލުން އިންގްލެންޑް އިން ނަތީޖާ އިތުރަށް ފުޅާ ކުރިއެވެ.
އިންގްލެންޑް ގެ ތިންވަނަ ގޯލް 58 ވަނަ މިނެޓު ގައި އެ ޓީމަށް ގަލަގާ ޖަހާދިން އިރު އިންގްލެންޑް ގެ ހަތަރުވަނަ ގޯލް މެޗުގެ 76 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާ ދިނީ ޖެރާޑް ބޮއެން އެވެ. އަދި އިންގްލެންޑް ގެ ފަސްވަނަ ގޯލް މެޗުގެ 79 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ ޓެއިލާ ހާވުޑް އެވެ. މި މޮޅާއި އެކު އިންގްލެންޑް ގުރޫޕު 2 ގެ އެއްވަނައިގަ އޮތީ 15 ޕޮއިންޓް އާއި އެކީ އެވެ. މެޗުން ބަލިވި އަޔަލެންޑް އޮތީ ގުރޫޕު ގެ ތިންވަނައިގަ 6 ޕޮއިންޓް އާއި އެކީގައެވެ.

