ރާއްޖޭގައި ދުވަހަކުވެސް މައުލޫމާތު ހާމަނުކުރާ ވަރަށް މި ސަރުކާރުން މައުލޫމާތު ހާމަކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް “ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52” ނަމުގައި ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެފުށް ފެންނަ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ކުރިއަށްގެންދިއުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުން ހުށަހަޅާފައިވާ އާރްޓީއައިތަކުގެ ތެރެއިން ގާތްގަނޑަކަށް %91 އާރްޓީއައިއަށް ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ ވެބްސައިޓުގެ ނަމުގައި ވެބްސައިޓެއް ގާއިމުކޮށްފައިވާނެ ކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކަށް ޚާއްސަ ވެބްސައިޓެއް ހަދާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު 791 ފަހަރު ވުޒާރާތަކުންނާއި، ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތުދީފައިވާ ކަމަށާއި، 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ޕޯޓަލުން ވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

