ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް އޭޝިއާސް ޕްރިމިއާ ލީޑަރޝިޕް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްގެ “އިންޑަސްޓްރީ ޗެމްޕިއަންސް އޮފް ދަ އިޔަރ” އެވޯޑު ލިބިއްޖެއެވެ. މެލޭޝިއާގެ މީޑިއާ ކޮންސަލްޓެންސީއަކުން އޭޝިއާ ސަރަހައްދުގެ ކުންފުނިތަކަށް ދޭ މި ހާއްސަ ޝަރަފުވެރި އެވޯޑު ރާއްޖޭގެ ކުންފުންޏަކަށް ލިބުނީ މިއީ ފުރަތަމަ ފަހަރެވެ.
ސްޓެލްކޯއަށް މި އެވޯޑު ލިބުނީ ކުންފުނިން ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާގައި ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި ހިމެނެނީ ދެމެހެއްޓެނިވި ހަކަތައިގެ މުސްތަގުބަލަކަށް އީޖާދީ ހައްލުތައް ހޯދުމާއި، ހިދުމަތް ފުޅާކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ތައާރަފު ކުރުމެވެ.
ސްޓެލްކޯއިން 1997 ގައި އެންމެ 50 ގޭބީސީއަކަށް ފެށި ހިދުމަތް މިހާރު ވަނީ 60،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ފުޅާވެފައެވެ. މީގެ އިތުރުން، ކުންފުނިން ވަނީ ސޯލާ ޕީވީ ސިސްޓަމްސް، ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްސް، އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތައާރަފު ކޮށްފަ އެވެ.
ސްޓެލްކޯގެ އެހެން މުހިންމު އިސްނެގުންތަކުގެ ތެރޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިންގ އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމާއި، 2028 ގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން 33% އުފެއްދުމުގެ އަމާޒު ކަނޑައެޅުން ހިމެނެއެވެ. އަދި އެޑްވާންސްޑް މީޓަރިންގ އިންފްރާސްޓްރަކްޗަރ (އޭއެމްއައި) ތަޢާރަފުކުރުމާއި، ސްކާޑާ ސިސްޓަމް މެދުވެރިކޮށް ރިއަލްޓައިމް ފޯލްޓް ޑިޓެކްޝަން ވަނީ ތަޢާރަފުކޮށްފައެވެ.
މީގެ އިތުރުން، ސްޓެލްކޯއިން ވަނީ މުވައްޒަފުންގެ ހުނަރު ތަރައްގީ ކުރުމަށް އިންވެސްޓްކޮށް، ސްޓެލްކޯ ނޮލެޖް ހަބް މެދުވެރިކޮށް މެދުނުކެނޑި އުނގެނުމުގެ ސަގާފަތެއް އާލާކޮށް، އަދި މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތްކޮށްފައެވެ.
މި އެވޯޑަކީ ސްޓެލްކޯގެ އިސްނެގުންތަކާއި ކާމިޔާބީތަކަށް ލިބުނު ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ޝަރަފެކެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

