ކުރިއަށް އޮތް ދުވަހު ވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި މޫސުމާބެހޭ ޚަބަރުގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސަރކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ އައްޑޫ ސިޓީގެ ހިތަދުއަށް ކަމަށާއި، އެ ސިޓީއަށް 110 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެ އިދާރާއިން ބުނީ މި ވިއްސާރަ ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖޭގެ ސަރަހައްދަށް ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

