ރައީސް ޑރ.މުޢިއްޒުގެ ހިކުމަތްތެރި ފިޔަވަޅުތަކާއެކު ކުރިއަށް އޮތީ ވަރަށް ވެސް އުޖާލާ ދުވަސްތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އެއް އަހަރު ދުވަހު، ދިވެހި ރައްޔިތުންނަށާއި، މުޅި ދުނިޔެއަށް ވެސް ރައީސް ޑރ. މުޢިއްޒު ސާބިތުކޮށްދެއްވީ އެމަނިކުފާނުގެ ކޮންމެ ނިންމެވުމަކީވެސް ވަކި ފަރާތެއްގެ ނުފޫޒަކަށް ބޯލެނބުމެއްނެތި، ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތުގައި ނިންމަވާ ނިންމެވުމެއްކަން ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލު ރައްކާތެރިކޮށްދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިނދަޖެހިފައިވާ އިގުތިސާދަކާއެކު ރައީސް ޑރ. މުޢިއްޒުގެ ޒައާމަތު ފަށްޓަވައި، މާލީ ގޮތުން ދަތި އުނދަގޫ އަހަރަކާ ކުރިމަތިލައްވައި، ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއްނެތި، ހިކުމަތްތެރިކަމާއެކު އެމަނިކުފާނު އެގެންދަވަނީ އިގުތިސާދު ކޮޅަށް ޖެހުމަށްޓަކައި ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. މިއީ މީގެކުރިން ދިވެހިރާއްޖޭގެ އެއްވެސް ވެރިއެއްގެ ފަރާތުން ފެނުނު ސާބިތުކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަލާލި ކޮންމެ ސިނާއަތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މައްސަލަތަކަށް އެމަނިކުފާނު އެގެންދަވަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުމްލަ ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކުރައްވަމުން. ވަކިން ޚާއްސަކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކޮށް، މި ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި އެމަނިިކުފާނު ނިންމަވައި ހަރުދަނާ ނިންމެވުންތަކަށާއި، ދެއްވާ އިރުޝާދުފުޅުތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވަން.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ދިވެހީންގެ ރާއްޖެ ދިވެހީން އެދޭ ގޮތަށް ތަރައްގީވެގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ހިކުމަތްތެރި ފިޔަވަޅުތަކާއެކު ކުރިއަށް އޮތީ ދިވެހި ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި އުޖާލާ ދުވަސްތަކެއް ކަމަށެވެ.

