މޫސުން ގޯސް ކަނޑުގަދަ ދުވަހެއް ކަމަށްވިޔަސް، މާބަނޑު އަންހެނަކަށް އެހީވުމުގެ ގޮތުން، އެމީހާ ގޮވައިގެން ވާދޫއިން ތިނަދޫއަށް ކުރި ދަތުރުމަތީ އަންހެންމީހާ ވިހެއުމުން އާރްޓީއެލް ފެރީގައި ތިބި މުވައްޒަފުން އެމީހާއަށް އެހީވުމުގައި ފުރިހަމަ ނަމޫނާއެއް ދައްކައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރީތެރެއަށް ގދ ވާދޫ ޖަމާލުއްދީނު ސުކޫލުގައި މަސައްކަތް ކުރާ އިންޑިއާ މުދައްރިސަކު، އޭނާގެ ބަނޑުގައި ރިއްސާތީވެ ޑޮކްޓަރަށް ދެއްކުމަށް ތިނަދޫއަށް ދާން ބޭނުންވެގެން އާރްޓީއެލް ފެރީގައި ގެންގޮސް ދިނުމަށް އެދުނެވެ. އެންމެ ފުރަތަމަ އެމީހާ ގޮވައިިގެން ތިނަދޫސިޓީއަށް ދިއުމަށް އާރްޓީއެލް
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެންމީހާ ވިހެއިއިރު ބަނޑަށް ވެފައިވަނީ އެންމެ 17 ހަފްތާއެވެ. އަދި ވިހެއި ކުއްޖާ ވަނީ ނިޔާވެފައެވެ. މި އަންހެންމީހާއަކީ ގދ. ވާދޫ، ވާދޫ ޖަމާލުއްދީން ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރެކެވެ.
“އާރްޓީއެލް ޒޯނު 5” އޮޕަރޭޝަނުން، ހުވަދޫނޫހަށް މައުލޫމާތު ދިންގޮތުގައި، މިއަދު މާބަނޑު އަންހެނަކު އޭނާގެ ބަނޑަށް ތަދުވެ އުނދަގޫ ވާތީވެ، ތިނަދޫސިޓީއަށް ޑޮކްޓަރަށް ދެއްކުމަށް ފެރީގައި، އޮންނަ އުސޫލުގެ މަތިން ކުލީ ދަތުރެއް ކޮށްދިނުމަށް އެދުމުން، މޫސުން ގޯސް ދުވަހަކަށްވާތީވެ، އެވަގުތު ދަތުރު ކުރުން ރައްކާތެރި ނޫންކަމަށް އެ އަންހެންމީހާއަށް ލަފާ ދިނެވެ. އެހެން ނަމަވެސް އެއަންހެން މީހާ، އޭނާ ތިނަދޫސިޓީ ހޮސްޕިޓަލަށް ދާން ބޭނުންް ކަމަށާއި އެދަތުރު ކޮށްދިނުމަށް އެދި ބުނުމުން، އާރްޓީއެލް އިން ވާދޫ ސިއްހީ މަރުކަޒާ ވާހަކަދައްކައިގެން ޑޮކްޓަރަކާއި ނަރުހަކު ދަތުރުގައި ގެންދެވޭނެ ގޮތް ހަމަޖައްސައި އޮންނަ އުސޫލުގެ މަތިން، ފެރީދަތުރަކަށް ތައްޔާރުވެގެން، ދަތުރަށް ފެށިއެވެ.
ތިނަދޫ ސިޓީއަށް ފެށި ދަތުރު މަތީ، ވިއްސަކަށް ފަންސަވީހަކަށް މިނެޓް ވަރު ފަހުން އެ އަންހެންމީހާގެ ބަނޑުގައި ގަދައަށް ރިއްސަން ފެށުމުން، އޭނާއާ ހަވާލުވެފައިވާ ޑޮކްޓަރާއި ނަރުހުގެ އިތުރުން، އެ ފެރީގައި ދަތުރު ކުރަމުން ދިޔަ އިތުރު ދިވެހި ޑޮކްޓަރެއްވެސް އެހީތެރިވެދީފައިވެއެވެ. މި ޑޮކްޓަރަކީ ދާދި ފަހުން އެމްއެންޔޫ ސްކޫލް އޮފް މެޑިސިންއިން ގްރެޖުއޭޓުވި، ތިނަދޫއަށް ނިސްބަތްވާ ޑޮކްޓަރެކެވެ. ނަސީބު ރަނގަޅުކަމުން، އެވަގުތަކީ ރަތަފަންދޫ ކައިރިން ފެރީ ދަތުރުކުރަމުން ދިޔަ ވަގުތެވެ. އަންހެންމީހާގެ ހާލަތަށް އެހީތެރިވުމަށްޓަކައި ރަތަފަންދޫއާ ހަމަދާދި ގާތުން ސިއްހީ އެހީތެރިކަމެއް ހޯދުމަށް އާރްޓީއެލް 119 ފެރީ ކައިރި ކޮށްލީ ނަޑެއްލާއަށެވެ. އަދި ނަޑެއްލާއިން އަންހެންމީހާއަށް ދެވެން އޮތް އެންމެ ރަނގަޅަށް ފަރުވާދީ، ނުހަނު އޯގާތެރިކަމާއެކު އެހީތެރިވެދީގެން ދަތުރު ފެށީ ތިނަދޫސިޓިއާ ދިމާއަށެވެ.
ދުވަސްނުފުރާ ވިހެއި ކަމަކު ވިހެއުން ވާނީ ވިހެއުމަށެވެ. ދަރިފުޅަކަށްޓަކައި އުއްމީދުތަކެއް ކޮށްގެން އިން މާބަނޑުއަންހެނަކަށް އޭނާގެ އަމިއްލަގައުމާއި އަމިއްލަ މީހުންނާ ދުރުގައި، އަމުދުން ކަނޑެއްމަތީ މިފަދަ ހާދިސާއެއް ދިމާވުމުން ޖިސްމާނީ ގޮތުން އަޅާ ވޭނާއި ތަދަށްވުރެ ނަފުސާނީ ގޮތުން ކުރާ އަސަރާއި އަޅާ ވޭން ބޮޑުވާނެ ކަން ޔަގީނެވެ. އެހެންކަމުން މިފަދަ ވަގުތެއްގައި އާރްޓީއެލް 119އިގެ ކައްޕިއާއި ފަޅުވެރިން ދެއްކީ އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ފުރިހަމަ ހިދުމަތްތެރިކަމެކެވެ. އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ވިޔަސް އިންސާނިއްޔަތު ކަމަކީ މުހިންމުކަމެއްކަން ޔަގީނެވެ. އާރްޓީއެލްގެ އެ ފެރީއިން ދަތުރު ކުރި އެހެންމީހުންގެ ފަރާތުންވެސް ފެނިގެން ދިޔައީ އިންސާނިއްޔަތުކަމުގެ ފުރިހަމަ ނަމޫނާއެކެވެ.
މިހާރު އެ އަންހެންމީހާ ވަނީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
އާރްޓީއެލްގެ މުވައްޒަފުންނަކީ މިފަދަ ކަންކަމުގައި ފެރީގައި ދަތުރު ކުރާ މީހުންނަށް ފުރިހަމަ ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ބައެއްކަން މި ހާދިސާއިން މިވަނީ ކިތަންމެހާ ވެސް ފުރިހަމައަށް ސާބިތުވެގެން ގޮސްފައެވެ. އެހެނީ މާބަނޑު އަންހެނަކު ގޮވައިގެން ކުރަމުން ދިޔަ ދަތުރެއް މަތީ އެމީހާ ވިހެއުމަކީ ފަސޭހަ ހާލަތެއް ނޫނެވެ. އެވެސް މޫސުން ގޯސް ވައިބާރު ކަނޑުގަދަ ދުވަހެއްގައެވެ. އަނެއްކޮޅުން ވިހެއި ކުއްޖާ ނިޔާވެފައި އޮތުމެވެ. މިފަދަ ވަގުތެއްގައި އާރްޓީއެލްގެ ފަރާތުން އެދެއްކި އެހީތެރިކަމާއި އޯގާތެރިކަމަށް ހަމަ އައްސަރި ބަހާއި ސާބަހެވެ.

