ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް (އީއާރް) ބޮޑުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރެވެ. މި މަޝްރޫއުގެ ދަށުން މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ 7 އެނދުގެ އިމަޖެންސީ ރޫމް، 14 އެނދުގެ ޖާގައަށް ބޮޑު ކުރެވިގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ، އިމަޖެންސީ ރޫމް ބޮޑުކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ، އެ ކުންފުނީގެ މަސައްކަތުގެ ތަޖުރިބާއާއި، މިހާރު ކުރިއަށްގެންދާ މަޝްރޫޢުތައް ބޭނުންވާ ފެންވަރަށް އަވަހަށް ނިންމަމުންދާތީ ކަމަށެވެ.
މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ ދެ މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް، ހުޅުމާލޭ ހޮސްޕިޓަލަކީ ދުވާލަކު އެތައް ބަޔަކު ޚިދުމަތް ހޯދަމުންދާ ތަނަކަށްވުމާއެކު، އާރްޑީސީގެ އަމާޒަކީ އެ މުއްދަތުގެ ކުރިން މަސައްކަތް ނިންމުމަށް މަސައްކަތްކުރުމެވެ.
ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް މިހާރު ހިންގަމުންދާއިރު، އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ ހޮސްޕިޓަލުގެ އިމަޖެންސީއާއި ޖީއޯޕީޑީ ހިދުމަތް 250,000 އަށްވުރެ ގިނަ މީހުން ހޯދާފައިވެއެވެ. މި މަޝްރޫއު ނިމުމުން، އިތުރު ބަޔަކަށް އަވަސް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

