ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ހުށަހެޅުނު ބިލަށް ރައީސް ދެކޮޅުވުމުން ކޮމެޓީ ޓޫ ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އޭޝީއާ އިން މަރުހަބާ ކިޔައިފިއެވެ.
ސީޕީޖޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލަށް ދެކޮޅުކަމަށް ރައީސް ވިދާޅުވުން އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދޭ އަހައްމިއްޔަތު ކަން ކަމަށެވެ. އެ ބިލުގައިވާ ގޮތުން ގާނޫނުގެ ދަށުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމާއި ނޫސްވެރިކަމުގެ ލައިސަންސް ހިފެހެއްޓުމާއި ރިޕޯޓް ކުރޭނެ ގޮތް އޮވެއެވެ.
ސީޕީޖޭ އިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓޭނެ އާ މީޑިއާ ރެގިއުލޭޝަން ބިލެއް ޑްރާފްޓް ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ ޖަމާއަތްތަކާ މަޝްވަރާ ކުރަން ވެސް ޖެހޭނެކަމަށެވެ.
ވެރިކަމުގެ އެއް އަހަރު ފާހަގަކުރުމުގެ ގޮތުން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އެމަނިކުފނުގެ ނެތްކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި މިނިވަންކަމާއެކު މީޑިއާ ހިންގާތަން ދެކެން ބޭނުންވާ ކަމަށެވެ.
“އަޅުގަނޑުމެން އެކަން އެއްގޮތަކަށްވެސް ނުކުރާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ މީޑިއާ ބާރުވެރިކުރުވަން. އެ ސަބަބާހުރެ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި، ފުރަތަމަ ފަހަރަށް މީޑިއާތަކަށް ދޫކުރާ ފައިސާ ވަނީ ހިމަނާފަ.” ރައީސް
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގަވާއިދުގެ ތެރެއިން މަސައްކަތްކުރާ ހުރިހާ މީޑިއާތަކަށް ވެސް ފަހި ފުރުސަތުތަކެއް ހޯދައި ދެއްވާނެ ކަމަށެވެ.

