މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ކުރެންދޫގެ 70 އަށްވުރެ ގިނަ ގެއަށް ފެން ވަދެ، ގެއްލުން ލިބިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި، މެދު ރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރައިގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ގެއްލުން ލިބޭ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ވިލަރެސްކުރަމުގެ ގޮތުން، ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކައުންސިލް އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާއިރު، އާންމުކޮށް ފެންބޮޑުވެ ގެއްލުން ލިބޭ ކަމަށް ފާހަގަކުރެވޭ ގެ ތަކުގައި، ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ވިއްސާރައިގައި ކުރެންދޫގެ 70 ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، ދ.ބަނޑިދޫގެ ދެ ގެއަކަށް އަދި ސ.ފޭދޫގެ އެއް ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

