ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އެންމެފަހުން އެކުލަވާލި އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މިނިމުނު އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ވިޔަފާރި ކުރާ ފަރާތްތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމުވާ ގޮތަށް އައު އުސޫލެއް އެކުލަވާލާފަ އެވެ. މި އުސޫލާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަނީ އެ އުސޫލު މުރާޖައާ ކުރުމަށް ގޮވާލާފައެވެ.
މި މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅުގައި، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެމްއެމްއޭ އިން އެ އުސޫލު މުރާޖައާކޮށް ބަދަލު ގެނެސްފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް، މިކަމާ ގުޅިގެން މަރުކަޒީ ބޭންކުން ބުނީ އޮކްޓޯބަރު 1 ގައި އާންމުކުރި އުސޫލު އަދިވެސް އޮތީ އެގޮތުގައި ކަމަށެވެ. އަދި އެ އުސޫލަށް އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައި ނުވާނެ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެފައިވަނީ، އެމްއެމްއޭގެ އައު އުސޫލާ އެއްގޮތަށް ޑޮލަރު މާރުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރަން ފައްޓަވާނެ ކަމަށާއި، އެ އުސޫލަށް ބަދަލު ގެނެވެން ނެތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ޓޫރިޒަމްގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ވަނީ ޑޮލަރު މާރުކުރުމުގެ އުސޫލަށް ތަބާނުވާނެ ކަމަށް ހާމަކޮށްފައެވެ. ނަމަވެސް، ސަރުކާރުން ދަނީ މި އުސޫލު ތަންފީޒު ކުރުމަށް ބާރު އަޅަމުންނެވެ.

