ސްވިޒަލެންޑް އަތުން ސްޕެއިން އިން އުނދަގޫ މޮޅެއް ހޯދައިފިއެވެ. ޔުއެފާ ނޭޝަންސް ލީގު ގައި ސްޕެއިން އާއި ސުއިޒްލެންޑް ވާދަ ކުރި މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ގައި އެއްމެ ފުރަތަމަ ގޯލް ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ ވަނީ ސްޕެއިން އަށެވެ. އޭރިޔާ ތެރެއިން ސްޕެއިން ގެ އަލްވާރޯ މޮރާޓާ އަށް ސްވިޒަލެންޑްގެ ރިކާޑޯ ރޮޑްރިގޭޒް ކުރި ފައުލް އަކާ ގުޅިގެން ލިބުނު ޕެނަލްޓީ ސްޕެއިން ގެ ޕެޑްރީ ފޮނުވާލި ނަމަވެސް ސްވިޒަލެންޑްގެ ކީޕަރު ވަނީ އެ ޕެނަލްޓީ މަތަ ކޮއްފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ސްޕެއިން އިން ގޯލެއް ޖަހާ ލީޑު ނެގިއެވެ. ސްޕެއިން އަށް މި ގޯލް މެޗުގެ 33 ވަނަ މިނެޓު ގައި ކާމިޔާބު ކޮއްދިނީ ޔަރަމީ ޕީނޯ އެވެ.
ފުރަތަމަ ހާފު ނިމިގެން ގޮސްފަ ވަނީ 1-0 ގެ ނަތީޖާ އަކުން ސްޕެއިން ކުރީގަ އޮވެގެންނެވެ. ދެވަނަ ހާފު ގައި ސުއިޒްލެންޑް ގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް މެޗު ގެ 63 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާ ދިނީ ޖޮއިލް މޮންޓެއިރޯ އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ސްޕެއިން އިން ގޯލެއް ޖަހާ ދެވަނަ ފަހަރަ މެޗު ގެ ލީޑު ނެގި އެވެ. 68 ވަނަ މިނެޓު ގައި މި ގޯލް އެ ޓީމަށް ޖަހާ ދިނީ ބްރެޔަން ގިލްއެވެ. ސުއިޒްލެންޑް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރީ ސްވިޒަލެންޑްގެ ވިންސެންޓް ސިއޭރޯ އަށް ސްޕެއިން ގެ ފެބިއަން ރުއީސް އޭރިޔާ ތެރެއިން ކުރި ފައުލް އަކާ ގުޅިގެން ލިބުނު ޕެނަލްޓީ އިންނެވެ.
85 ވަނަ މިނެޓު ގައި މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮއްދިނީ އަނޑީ ޒަޗީރީ އެވެ. ސްޕެއިން އިން ތިންވަނަ ފަހަރަ ލީޑު ނެގީ މެޗު ގެ އިތުރު ވަގުތު ގެ ތެރޭގަ ލިބުނު ޕެނަލްޓީ އަކުންނެވެ. މީ ސްޕެއިން ގެ ބްރަޔަން ޒަރަބޯސާ އަށް ސްވިޒަލެންޑްގެ ވިންސެންޓް ސިއޭރޯ ކުރި ފައުލް އަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ސްޕެއިން އަށް ކާމިޔާބު ކޮއްދިނީ ވެސް ބްރަޔަން ޒަރަބޯސާ އެވެ. މި މޮޅާއި އެކު ސްޕެއިން ގުރޫޕު ގެ އެއްވަނައިގަ އޮތީ 16 ޕޮއިޓް އާއި އެކީ އެވެ. މެޗުން ބަލިވި ސްވިޒަލެންޑް ގުރޫޕު ގެ 4 ވަނައިގަ އޮތީ 2 ޕޮއިންޓް އާއި އެއްކޮށެވެ.

