ގްވާޑިއޯލް ގެ ގޯލުން ޕޯޗުގަލް އަތުން ކްރޮއޭޝިއާ ބަލިނުވެ ސަލާމަތް ވެއްޖެވެ.
ނޭޝަންސް ލީގު ގައި ކޮރޭޝިޔާ އާއި ޕޯޗުގަލް ވާދަ ކުރި މެޗު ނިމިގެން ގޮސްފަ ވަނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. ޕޯޗުގަލް ގެ ތަރި ކްރިސްޓިޔާނޯ ރޮނަލްޑޯ ނުލާ ކުޅުނު މެޗު ގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޕޯޗުގަލް އިންނެވެ. މި ގޯލް މެޗު ގެ 33 ވަނަ މިނެޓު ގައި އެ ޓީމަށް ޖަހާދިނީ ޖުއާ ފީލިކްސް އެވެ.
ފުރަތަމަ ހާފު ނިމިގެން ގޮސްފަ ވަނީ 1-0 ގެ ނަތީޖާ އަކުން ޕޯޗުގަލް ކުރީގަ އޮވެގެންނެވެ. ދެވަނަ ހާފު ގައި ކޮރޭޝިޔާ ގެ ކުޅުން ރަނގަޅުކޮށް މެޗު ގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް މެޗު ގެ 65 ވަނަ މިނެޓު ގައި ކޮރޭޝިޔާ އަށް ޖަހާދިނީ ގްވާޑިއޯލް އެވެ. މެޗު ނިމެން ދަނިކޮށް ކޮރޭޝިޔާ އަށް މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައެވެ. ނަމަވެސް ކޮރޭޝިޔާ ގެ އަންޓޭ ބުޑިމީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ގެ އަރިމަތީ ދަނޑި އަށެވެ.މި ނަތީޖާ އާއި އެކު ޕޯޗުގަލް ގުރޫޕު ގެ އެއްވަނައިގަ 14 ޕޮއިންޓާއި އެކީ އޮތް އިރު ކޮރޭޝިޔާ ގުރޫޕު ގެ ދެވަނައިގަ އޮތީ 8 ޕޮއިންޓާއި އެކީ އެވެ. މި ނަތީޖާއި އެކު މި ދެ ޓީމް ވަނީ މުބާރާތުގެ ކުއާޓާ އަށް ދަތުރު ކޮއްފައެވެ.

